އިންޑިޔާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ އަބުރުގެއްލޭފަދަ މޭރުމަކުން ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ވާހަކަފުޅުދެއްކެވުމުން އިންޑިޔާގެ ސަރުކާރުން ރަސްމީކޮށް ޝަކުވާއުފުލައިފިއެވެ.
ސިންގަޕޫރުގެ ޤާނޫނުހަދާ މަޖިލީހުގައި ތަޤްރީރުކުރައްވަމުން ލީވަނީ އިދިކޮޅު މެންބަރުން އެކި ކަންކަމުގައި ދޮގުހަދަމުންދާކަމަށް ތުޙްމަތުކުރައްވައި އިންޑިޔާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ މިސާލެއް ދައްކަވައިފައެވެ. އެ ގޮތުން ލީ ވިދާޅުވީ އިންޑިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގައި ހިމެނޭ ދެބައިކުޅަ އެއްބައި މެންބަރުންގެ މައްޗަށް ތަފާތު ޖިނާޢީ ދަޢުވާކޮށްފައިވާކަމަށާއި އޭގެ ތެރޭގައި ގަދަކަމުން ޖިންސީގުޅުން ހިންގަން އުޅުމާއި މީހުން މެރުމުގެ ދަޢުވާތައް ހިމެނޭކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނައީ ސިޔާސީ ދަޢުވާތަކެއްކަމަށް އޭނާވަނީ ފާހަގަކުރައްވައިފައެވެ.
ސިންގަޕޫރުގެ ބޮޑުވަޒީރުގެ ވާހަކަފުޅުތަކާމެދު ހިތްހަމަނުޖެހި އެ ޤައުމުގެ ސަފީރުވަނީ އިންޑިޔާގެ ޚާރިޖީ ވުޒާރާއަށް ޙާޒިރުކޮށް ރަސްމީކޮށް ޝަކުވާއުފުލައިފައެވެ. ނަމަވެސް އެ ބައްދަލުވުމުގެ އެއްވެސް ތަފުޞީލެއް އެ ވުޒާރާއިން ޢާއްމުކޮށްފައެއް ނުވެއެވެ.
ޢާއްމު ގޮތެއްގައި އިންޑިޔާއާއި ސިންގަޕޫރާ ދެމެދު އޮންނަނީ ވަރަށް ގާތްގުޅުމެކެވެ. އަދި މީގެ ކުރިން އެ ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ނުތަނަވަސްކަމެއް އުފެދި މައްސަލައެއް އުފެދިފައެއް ނުވެއެވެ.