ޚަބަރު

ފަތުރުވެރިކަން ކުރިއަރައިގެން ދިޔައީ ސަރުކާރުގެ ނުފޫޒު ކުޑަވުމުން: އެމްޔޫ މަނިކު


ރާއްޖޭގެ ފަތުރުވެރިކަން މިހާބޮޑަށް ކުރިއަރައިގެން ދިޔައީ އަމިއްލަ ފަރާތްތަކަށް މި ދާއިރާ ކުރިއެރުވުމުގެ މިނިވަންކަން ސަރުކާރުން ދީފައި އޮތުމުންކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ ޗެއަރމަން އަދި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރުމުގައި އިސް ދައުރެއް އަދާކުރެއްވި މުހައްމަދު އުމަރު މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް 'ދަ ޕަޔަނިއާސް ޓޯކް'ގެ ނަމުގައި ބޭއްވި 'ޓޫރިޒަމް އަޕްބީޓް' ޓޯކް ޝޯވްގައި ވާހަކަދައްކަވަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީއެއްކަމަށްވާ، އަދި ޔުނިވަރސަލް އެންޓަރޕްރައިސަސް ޗެއަރމަން މުހައްމަދު އުމަރު މަނިކު، އެމްޔޫ މަނިކު ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން އައި ގޮތް ކިޔާދެއްވާފައެވެ.

އުމަރު މަނިކު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މިހާބޮޑަށް ކުރިއަރައިގެން އައުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މި ދާއިރާއަށް ސަރުކާރުގެ ނުފޫޒު ކުޑަވެ، އަމިއްލަ ފަރާތްތަކަށް ދާއިރާގެ ކަންކަން ދޫކޮށްލާފައި އޮތުމުންކަމަށެވެ.

"ސަރުކާރުވާން ޖެހޭނީ ރެގިއުލޭޓަރީ ބޮޑީއަކަށް، ތަރައްޤީކުރުމުގެ މަސައްކަތް ދޫކޮށްފައި އޮންނަން ޖެހޭނީ އަމިއްލަ ފަރާތްތަކަށް، ސަރުކާރަކީ މިކަމުން ޓެކްސްގެ ގޮތުގައި އާމްދަނީ ހޯ÷ދާ ފަރާތްތަކަށް ވާން ޖެހެނީ، ރާއްޖޭގައި މިފަދަ މާހައުލެއް އޮތީމައި ފަތުރުވެރިކަން މިހާ ބޮޑަށް ކުރިއަރައިގެން އައީ،" އުމަރު މަނިކު ވިދާޅުވިއެވެ.

އެމް ޔޫ މަނިކު ވިދާޅުވީ ފަތުރުވެރިކަން ކުރިއަރާނީ ކަންތައްތައް ފަސޭހަކޮށްދިނުމުންކަމަށާއި ސަރުކާރު ވާންޖެހޭނީ އެފަދަ ފަރާތަކަށްކަމަށް އުމަރު މަނިކު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަމުންދާ ކުރިއެރުންތައް ފާހަގަކުރަމުން އުމަރު މަނިކު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަކީ ފެންވަރު މަތީ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކެއްކަމަށެވެ.

"ފަތުރުވެރިކަމުގެ ޕްރޮޑަކްޓް ވަނީ ވަރަށް ބޮޑަށް ތަރައްޤީވެފައި، ރާއްޖޭގެ މިޑްލް ކްލާސް ޕްރޮޑަކްޓްސްތަކަކީވެސް ވަރަށް ކޮލިޓީ ޕްރޮޑަކްސްޓްތަކެއް، ރާއްޖޭގެ ގެސްޓްހައުސްތަކަކީވެސް ވަރަށް ހައި ސްޓޭންޑަޑުގެ ތަންތަން" އުމަރު މަނިކު ވިދާޅުވިއެވެ.

އުމަރު މަނިކު ވަނީ ރާއްޖެ ފަތުރުވެރިކަމުގެ މަތީ ފަންތީގެ މަންޒިލަކަށް ކުރި ދަތުރުގެ ވާހަކަތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން އާދައިގެ ގޮތަކަށް ފެށިގެން އައި ފަތުރުވެރިކަން މިހާރު ދުނިޔޭގެ މަޝްރޫޙު މަންޒިލަކަށްވެގެން ދިޔުމަކީ ބޮޑު ކާމިޔާބީއެއްކަމަށް އުމަރު މަނިކު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް 'ދަ ޕަޔަނިއާސް ޓޯކް'ގެ ނަމުގައި ބޭއްވި 'ޓޫރިޒަމް އަޕްބީޓް' ޓޯކް ޝޯވްގައި މުޙައްމަދު އުމަރު މަނިކުގެ އިތުރުން، ޗަމްޕާ ހުސެއިން އަފީފްއާއި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރުމުގައި ބޮޑު ދައުރެއް އަދާކުރި ޖޯޖް ކޯބިން ބައިވެރިވިވަޑައިގެންނެވިއެވެ.

މި ޓޯކްޝޯވްގެ މޮޑަރޭޓަރަކީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މައުސޫމެވެ. ގިނަ އަދަދެއްގެ ސްކޫލްކުދިން ބައިވެރިވި މި ޓޯކްޝޯވްގެ ތެރެއިން ވަނީ ޕެނަލްގައި ހިމެނޭ ފަރާތްތަކާއި ސުވާލުކުރުމުގެ ފުރުސަތުވެސް އޯޑިއަންސްއަށް ދީފައެވެ.