ޚަބަރު

ހައި ސީޒަން ލޯ ސީޒަން އެއީ މާޒީ، ރާއްޖެއަކީ ހުރިހާ މޫސުމަކަށް ފައްކާ މަންޒިލެއް: އަފީފް


ރާއްޖެއަށް ފަތުރުވެރިކަމުގައި އޮތް ހައި ސީޒަން އަދި ލޯ ސީޒަންގެ ޒަމާން މާޒީވެއްޖެކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަކީ މިހާރު ހުރިހާ މޫސުމަކަށްވެސް ހުޅުވާލެވިފައިވާ މަންޒިލެއްކަމަށް ކްރައުން ކުންފުނީގެ ޗެއަރމަން އަދި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރި ބާނީންގެ ތެރޭގައި ހިމެނޭ ޗަމްޕާ ހުސެއިން އަފީފް ވިދާޅުވެއްޖެއެވެ.

އަފީފް މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓުއަރިޒަމްއިން ފެށި "ޓޫރިޒަމް އަޕްބީޓް- ޕައިނިއަރސް ޓޯކް"ގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ޓޫރިޒަމް އަޕްބީޓް- ޕައިނިއަރސް ޓޯކް"ގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ ފަތުރުވެރިކަން ތައާރަފްކޮށް، ކުރިއެރުވުމުގައި ބޮޑު ހިއްސާއެއް އަދާކުރެއްވި ޗަމްޕާ ހުސެއިން އަފީފް ވިދާޅުވީ ފަތުރުވެރިން އަންނަ ހައި ސީޒަނާއި ފަތުރުވެރިންގެ އަދަދު ދަށް ލޯ ސީޒަންއަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ބައްޓަންވެފައި އޮތް ޒަމާން މާޒީވެއްޖެކަމަށެވެ. އަދި އެކޮންސެޕްޓަކީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވި ޒަމާނުގައި ދުނިޔޭގެ ޤައުމުތަކުން އޭރު ގެންގުޅުނު ވިސްނުމެއްކަމަށާއި އެހެންނަމަވެސް މިހާރު ރާއްޖެއަކީ މުޅި ދުނިޔެއަށް ހުރިހާ މޫސުމެއްގައިވެސް ހުޅުވާލެވިފައިވާ ފަތުރުވެރިކަމުގެ މަންޒިލެއްކަމަށް އަފީފް ވިދާޅުވިއެވެ.

މި އިވެންޓުގައި ވާހަކަފުޅުދައްކަވަމުން ޗަމްޕާ އަފީފް ވަނީ ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށްޓަކައި ޤައުމުގެ އަމާންކަމާއި ހަމަޖެހުން ވަރަށް މުހިއްމު ދައުރެއް އަދާކުރާކަން ފާހަގަކޮށްފައެވެ. އަދި ހަމައެއާއެކު ސަރަޙައްދީ ރައްކާތެރިކަންވެސް މުހިއްމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އަފީފް ވަނީ ޓުއަރިޒަމް ރާއްޖެއަށް ފެށިގެން އައިއިރު ކަންކަން އޮތް ގޮތާއި، އޭރު ދިމާވި ދަތިތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވުނު މަސައްކަތްތައް ހިއްސާކުރައްވާފައެވެ.

"ޓޫރިޒަމް އަޕްބީޓް-ފައިނިއަރސްޓޯކް"އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް 50 އަހަރުފުރުން ފާހަގަކުރުމަށް މުޅި އަހަރުތެރެއަށް އަމާޒުކޮށްގެން ހިންގުމަށް ރާވާފައިވާ އެއް ޙަރަކާތެވެ. މި ޙަރަކާތުގައި ރާއްޖޭގެ ފަތުރުރިކަން ފަށައިގަތުމުގައި ޙަރަކާތްތެރިވި ބޭފުޅުން ޕަނެލްއަކަށް ވަޑައިގެންވަނީ އޭރުގެ ޙާލަތާއި މިހާރު މިދާއިރާއިން އާދެވިފައިވާ ހިސާބާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ. އެގޮތުން ޗަމްޕާ ހުސެއިން އަފީފްއާއި އެމްޔޫ މުޙައްމަދު އުމަރު މަނިކާއި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މައުސޫމާއި ރާއްޖޭއަށް ފަތުރުވެރިކަން ތަޢާރަފްކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވި ޖޯޖް ކޯބިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މިޙަރަކާތުގައި އެބޭފުޅުން ވަނީ މިއިވެންޓުގައި ބައިވެރިވި ގިނަ ޒުވަނުންނާއި ސްކޫލް ދަރިވަރުންގެ ހުރި އެހާރާއި މިހާރުގެ ޙާލަތާއި ގުޅޭ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.