ޚަބަރު

އިންޑޯ ޕެސިފިކުގައި ރައްކާތެރިކަން ކަށަވަރުކުރަން އިނގިރޭސިވިލާތުން ޚަރަދުކުރަނީ


އިންޑޯ ޕެސިފިކް ސަރަޙައްދުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން 34 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ.

އިންޑޯ ޕެސިފިކުގައި ޗައިނާގެ ބާރާއި ނުފޫޒު އިތުރުވެ ފުޅައިވަމުންދާ ދަނޑިވަޅެއްގައި އިނގިރޭސިވިލާތުންވަނީ އެ ސަރަޙައްދުގެ ޤައުމުތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް ފަށައިފައެވެ. އެ ގޮތުން އިންޑޯ ޕެސިފިކުގައި އިނގިރޭސިވިލާތުގެ އެންމެ މުޙިއްމު ބައިވެރިޔާކަމަށްވާ އޮސްޓުރޭލިޔާއާ ގުޅިގެން އެ ސަރަޙައްދުގައި ޞުލްހައާއި އަމަންއަމާންކަން ކަށަވަރުކުރުމަށް ދެ ޤައުމުންވަނީ އެއްބަސްވެފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންނާއި އޮސްޓުރޭލިޔާގެ ބޮޑުވަޒީރު ސުކޮޓު މޮރިސަން ވީޑިޔޯ މެދުވެރިކޮށް އެންމެ ފަހުން ކުރެއްވި މަޝްވަރާތަކުގައި އިންޑޯ ޕެސިފިކަށް ކުރިމަތިވެފައިވާ ނުރައްކާތެރި ޙާލަތާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވައިފައެވެ. އެ ގޮތުން އެ ދެ ބޭފުޅުންވަނީ އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެރިކާއާއި ޖަޕާނާއި އިންޑިޔާއާ ގުޅިގެން މުޙިއްމު މަސައްކަތްތަކެއް ކުރެއްވުމަށްވެސް އެއްބަސްވެވަޑައިގެންފައެވެ.

ޗައިނާގެ ސަރުކާރުން އެ ޤައުމުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ތައިވާނާ ދެކޮޅަށް ޗައިނާއިން އަޅައިފާނެ އަސްކަރީ ފިޔަވަޅަކާ ގުޅޭގޮތުންނާއި ޔޫކްރެއިންނަށް ރަޝިޔާއިން ދީފާނެ ޙަމަލާއަކާ ގުޅޭގޮތުންވެސް އިނގިރޭސިވިލާތާއި އޮސްޓުރޭލިޔާގެ ބޮޑުވަޒީރުންވަނީ މަޝްވަރާކުރައްވައިފައެވެ.