ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ މައި ޖަމުޢިއްޔާކަމަށްވާ އާސިޔާނުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށް މިޔަންމާގެ ބަޣާވާތުގެ ހިޔަނިއެޅި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިއްޖެއެވެ.
10 މެންބަރު ޤައުމުގެ އާސިޔާނުގެ ރިޔާސަތު ބަލަހައްޓަމުންދާ ކެންބޯޑިޔާގައި ބޭއްވި ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މީގެ އެއް އަހަރުކުރިން މިޔަންމާގެ އަސްކަރިއްޔާއިން ކުރި ބަޣާވާތަށްފަހު އެ ޤައުމާމެދު އެ ޖަމުޢިއްޔާއިން ޢަމަލުކުރާނެ ގޮތަކާމެދުއެވެ. ފާއިތުވި އެއް އަހަރުގެ ތެރޭގައި އާސިޔާނުން ބޭއްވި އެއްވެސް ބައްދަލުވުމަކަށް މިޔަންމާގެ އަސްކަރީވެރިންނަށް ދަޢުވަތު ދީފައެއް ނުވެއެވެ. އޭގެ ތެރޭގައި އާސިޔާނުގެ އެންމެ އިސްވެރިންގެ ބައްދަލުވުންވެސް ހިމެނެއެވެ. އެ ގޮތުން ސިންގަޕޫރާއި މެލޭޝިޔާއާއި އިންޑޮނޭޝިޔާއާއި ފިލިޕީންސުންވަނީ އާސިޔާނުގެ އެއްވެސް ބައްދަލުވުމެއްގައި މިޔަންމާގެ އަސްކަރީވެރިން ބައިވެރިކުރުމަށް ދެކޮޅުހަދައިފައެވެ. އަދި މިޔަންމާގައި މަދަނީ ވެރިކަމެއް ޤާއިމުކުރުމަށް އެ ޤައުމުގެ އަސްކަރީވެރިން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ބުނެ އެ ޤައުމުތަކުންވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
ކެންބޯޑިޔާގެ ބޮޑުވަޒީރު ހަން ސެންވަނީ މިޔަންމާގެ ބައިވެރިވުމާއެކު އާސިޔާނުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ބޭއްވެވުމަށް މަސައްކަތްކުރައްވައިފައެވެ. ނަމަވެސް އާސިޔާނުގެ ގިނަ ޤައުމުތަކުންވަނީ މިޔަންމާ ބައިވެރިކުރަން ދެކޮޅުހަދައިފައެވެ. އޭގެ އިތުރުން ދެކުނުއިރުމަތީ އޭޝިޔާގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި އާސިޔާނުގެ ބައެއް ޚާރިޖީ ވަޒީރުންނަށް ކެންބޯޑިޔާއަށް ދަތުރުކުރެއްވުމަށްވެސްވަނީ ދަތިވެފައެވެ. އެ ގޮތުން ބައެއް ޚާރިޖީ ވަޒީރުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ވީޑިޔޯ މެދުވެރިކޮށެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކެންބޯޑިޔާއަށް ދަތުރުކުރެއްވި ވިއެތުނާމުގެ ޚާރިޖީ ވަޒީރު ބުއި ތަން ސަންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެހެންކަމުން ކެންބޯޑިޔާގައި ހުންނެވި ނަމަވެސް ބައްދަލުވުމުގައި އޭނާ ބައިވެރިވެވަޑައިގަންނަވާނީ ވީޑިޔޯ މެދުވެރިކޮށެވެ.
ކެންބޯޑިޔާގެ ބޮޑުވަޒީރު ހަން ސެންވަނީ އާސިޔާނުގައި މިޔަންމާގެ ބައިވެރިވުން އޮތުން ވަރަށް މުޙިއްމުކަމަށް ވިދާޅުވެ އެ ޖަމުޢިއްޔާގެ ވިސްނުން ބަދަލުކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައިފައެވެ. އެ ގޮތުން މިޔަންމާގެ މައްސަލާގައި މަޝްވަރާނުކުރާނަމަ އެ މައްސަލަ ކުރިޔަށް އޮތް ފަހެއް ނުވަތަ 10 އަހަރުގެ ތެރޭގައި ޙައްލުނުކުރެވޭނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ. އަދި އަންނަ މަހު މިޔަންމާއަށް ކުރައްވަން ނިންމަވާފައިވާ ރަސްމީ ދަތުރުފުޅު ދިފާޢުކުރައްވާވެސް އޭނާވަނީ ވާހަކަދައްކަވައިފައެވެ. އެ ގޮތުން މިޔަންމާއަށް ކުރައްވައި ދަތުރުފުޅުގައި އެ ޤައުމުގެ އަސްކަރީވެރިންނާ ބައްދަލުކުރައްވައި އާސިޔާނުގެ ކަންބޮޑުވުންތައް ފާހަގަކުރައްވާނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ.
2021ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މިޔަންމާގެ އަސްކަރިއްޔާއިންވަނީ ބަޣާވާތްކޮށް އެ ޤައުމުގެ އެންމެ އިސްވެރިޔާ އަން ސަން ސޫ ކީއާއި އޭނާގެ ސަރުކާރުގެ އިސްވެރިން ހައްޔަރުކޮށްފައެވެ. މިޔަންމާގެ އަސްކަރިއްޔާއިން ކުރި ބަޣާވާތާ ދެކޮޅަށް އެ ޤައުމުގެ ޢާއްމުން ކުރަމުންދާ މުޒާޙަރާތަކުގައި 1،500 މީހުން މަރުވެފައިވާކަމަށް އދންވަނީ ބުނެފައެވެ. އަދި އެ ޤައުމުގެ 8،800 މީހުން އެއްވެސް ޝަރިޢާތަކައި ނުލައި ބަންދުކޮށްފައިވާކަމަށްވެސް އދން ބުނެފައިވެއެވެ.