ވިޔަފާރި

ފަތުރުވެރިކަމުގެ 50 އަހަރު ދައްކުވައިދޭ ސްޓޭމްޕް ސެޓެއް ނެރެފި


ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙު ދައްކުވައިދޭ ސްޓޭމްޕްތަކެއް ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއިން ނެރެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ގުޅިގެން ސްޓޭމްޕްތައް ނެރުމަށް ބޭއްވި ރަސްމީއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާގެ އުފެއްދުމުގެ ބާނީން ކަމުގައި ގިނަ ބަޔަކު ދެކޭ ހެލްތު މިނިސްޓަރ އަހުމަދު ނަސީމް، ޖޯޖް ކޯބިން، އަދި އަދި މަޓީގެ ޗެއަރ މަން އެމްޔޫ މަނިކާއި ވައިސް ޗެއަރމަން ހުސެއިން އަފީފް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން މިރަސްމީއްޔާތުގައި ރާއްޖޭގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ އަހުމަދު މުޖްތަބާވެސް ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙު ދައްކުވައިދޭ ސްޓޭމްޕްތައް ނެރުމުގެ ރަސްމީއްޔާތުގައި ތެރެއިން މި ބޭފުޅުން ވަނީ ސްޓޭމް ކަލެކްޝަން އިޝޫގައި ސޮއިކޮށްދެއްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ޕޯސްޓް ލިމިޓެޑާއި ގުޅިގެން ތަޢާރަފު ކުރެވުނު މި ސްޓޭމްޕްތަކަކީ މިއަހަރަށް މިނިސްޓްރީން ރާވާފައިވާ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއަހަރު އިތުރު ހަރަކާތްތައްވެސް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަފީޤް ވިދާޅުވީ، ޤައުމެއްގެ ޕޯސްޓަލް ސާވިސްއިން ތަޢާރަފުކުރާ ސްޓޭމްޕްތަކަކީ އެ ޤައުމުގެ ތާރީޙާއި ތަރައްޤީއާއި ވަރަށް ބޮޑަށް ގުޅިލާމެހިގެން ތަޢާރަފުކުރެވޭ ސްޓޭމްޕް ތަކެއް ކަމަށެވެ. އަދި މީގެކުރިން ފަތުރުވެރިކަމާއި ގުޅޭ ސްޓޭމްޕްތައް ތަޢާރަފު ކުރެވުނު ކަމުގައިވިއަސް މިއީ، ރާއްޖޭގެ ފަތުރުވެރިކަމުގެ 50 އަހަރުގެ ދިގު ތާރީޙް އެންމެ ރަނގަޅަށް ރަމްޒުކޮށްދޭ ސްޓޭމް ކަލެކްޝަންކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ 50 އަހަރު ރަމްޒުކޮށްދޭ 6 ސްޓޭމްޕެއް ޕޯސްޓު ލިމިޓެޑުން ވަނީ ނެރެފައެވެ. އެއީ ފަތުރުވެރިކަން ރާއްޖޭގައި ފެށުނު 1972 ވަނަ އަހަރު ރަމްޒު ކޮށްދޭ ސްޓޭމްޕަކާއި، 1986 ގައި ވޯޓާ ވިލާ ރާއްޖެއަށް ތަޢާރަފުވުން ރަމްޒުކޮށްދޭ ސްޓޭމްޕަކާއި، 1987 ވަނަ އަހަރު ހޮސްޕިޓަލިޓީ ޓްރެއިނިންގ އިންސްޓިޓިއުޓް އިފްތިތާޙްކުރެވުން ރަމްޒުކޮށްދޭ ސްޓޭމްޕެއް ހިމެނެއެވެ. މީގެއިތުރުން 1993 އަހަރު ސީޕްލޭން ޙިދުމަތް ރާއްޖޭގައި ފެށުން ރަމްޒުކޮށްދޭ ސްޓޭމްޕެއްވެސް ވަނީ ތަޢާރަފް ކޮށްފައެވެ. ދެން ތަޢާރަފުކޮށްފައިވަނީ 2010 ވަނަ އަހަރު ގެސްޓް ހައުސް ވިޔަފާރި ރާއްޖެއަށް ތަޢާރަފުވުމާއި ގުޅޭ ސްޓޭމްޕަކާއި، މިއަހަރު ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމާއި ގުޅިގެން އެކަމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ސްޓޭމްޕެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް ކުރިއަށްވެސް ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ބާނީން ބައިވެރިވާ ހާއްސަ ޓޯކްޝޯއެއް މާދަމާ ހަވީރު އެމްއެންޔޫ އޮޑިޓޯރިއަމްގައި ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހަމަޖައްސާފައެެވެ.