ޚަބަރު

ކްރިމިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތައް ނިންމަން 16 އަހަރު ނަގާނެ، ޙައްލެއް ހޯދަނީ


ކްރިމިނަލް ކޯޓުގައި މިހާރު ބަލަންހުރި މައްސަލަތައް ބަަލައި މުޅިން ނިންމަން 16 އަހަރުގެ މުއްދަތެއް ނަގާނެ ކަމަށާ، ފުލް ކެޕޭސިޓީގައި ކޮންމެ ދުވަހަކު މަސައްކަތް ޝެޑިއުލް ކުރި ނަމަވެސް މިހާ މުއްދަތު ނަގާނެކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން މިހެން ވިދާޅުވީ ކޯޓުތަކުގައި ހިނގާ ޝަރީއަތްތައް ލަސްވުމާއި މައްސަލަތައް ޝެޑިއުލްނުކުރާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ޖޭއެސްސީ ޙާޒިރުކުރުމުންނެވެ. މިއަދުގެ ކޮމިޓީއަށް ޖޭއެސްސީގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންވެސް ހާޒިރުކޮށްފައިވެއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޖޭއެސްސީގެ ރައީސާ އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވިދާޅުވީ މިހާރުގެ ޖޭއެސްސީގެ މެމްބަރުން އެކޮމިޝަނާ ޙަވާލުވެވަޑައިގެންނެވިއިރު ކްރިމިނަލް ކޯޓުގައި ޖުމުލަ 2022 މައްސަލަ އޮތް ކަމަށެވެ. ކޮންމެ އަހަރަކު އެވްރެޖްކޮށް 900އެއްހައި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާއިރު، ނުބެލި ހުންނަ މައްސަލަތައް ފުނިޖެހި އިތުރުވެފައިވާކަން ޙިސާން ފާހަގަކުރެއްވިއެވެ.

ކްރިމިނަލްކޯޓަށް ދިމާވެފައިވާ މިމައްސަލަ ޙައްލުކުރުމަށް ކުރިމަސައްކަތަށް ވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި ހުރަސްތަކެއް ކުރިމަތިވިކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ކޯވިޑް-19ގެ ސަބަބުން ކޯޓުތައް ބަންދުކުރަން ޖެހުމާއި މައްސަލަތައް ކުރިއަށް ގެންދަން ޖަލުން ކޯޓަށް ޙާޒިރުކުރަންޖެހޭ ޤައިދީން ކޯޓަށް ޙާޒިރުކުރުމުގައި ދިމާވި ދަތިތައް ޙިސާން ފާހަގަކުރެއްވިއެވެ.

ނުބެލި ހުރި މައްސަލަތައް ފުނިޖެހިފައިވާ މައްސަލަ ޙައްލުކުރުމަށް މިހާރު މަސައްކަތް ކުރައްވަމުންދާކަން ޙިސާން ހާމަކުރެއްވިއެވެ. އެގޮތުން ކޮޓުތަކުގެ ރަސްމީ މަސައްކަތު ގަޑީގެއިތުރުން މެންދުރުފަހު 14:00އިން ހަވީރު 17:00އާ ހަމަޔަށް ކޯޓުތަކުގައި ޝަރީއަތުގެ އަޑުއެހުންތައް ތާވަލްކޮށްގެން ކުރިއަށް ގެންދިއުމަކީ މިކަން ޙައްލުކުރުމަށް ކުރެވިދާނެ ކަމެއްކަމަށް ޙިސާން ވިދާޅުވިއެވެ. މިކަންކުރުމަށްތަކައި ޕީޖީ އޮފީހާއި ކޯޓުތަކަށްވެސް އިތުރު މުވައްޒަފުން ބޭނުންވާކަން ޙިސާން ފާހަގަކުރެއްވިއެވެ.

މައްސަލަތައް އަވަސްކުރުމަށްޓަކައި ކޯޓުތަކުގެ އިތުރުން ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކުގެ ދައުރުވެސް ބޮޑުކަން ހިސާން ފާހަގަކުރެއްވިއެވެ.

ކޯޓުތަކުގައި ހިނގާ ޝަރީއަތްތައް ލަސްވުމާއި ޝަރީޢަތްތަކާ ގުޅުންހުރި ކަންކަމުގައި ހިނގާ ކަންކަމާ ގުޅިގެން އެހެން ބައެއް އިދާރާތައްވެސް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރަންވަނީ ނިންމަވާފައެވެ.