އިންޑިޔާގެ ދެކުނުގައި އޮންނަ ކަރްނާޓަކާގެ ބައެއް މަދަރުސާތަކަށް ހިޖާބުއެޅި ދަރިވަރުން ވައްދަން ދެކޮޅު ހެދުމުން އުފެދިފައިވާ ނުތަނަވަސްކަމާއި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ބަންދުކުރި އެ ސުޓޭޓުގެ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތައް ހަފުތާއެއް ފަހުން އަލުން ހުޅުވައިފިއެވެ.
ކަރްނާޓަކާގެ މަދަރުސާތަކަށް ބައެއް ދަރިވަރުން ޙާޒިރުވެފައިވަނީ ހިހާބު އަޅައިގެންނެވެ. ނަމަވެސް މަދަރުސާތަކަށް ދަރިވަރުންނާއި މުދައްރިސުން ވައްދަނީ ހިޖާބު ނެގުމުންނެވެ. އެކަމައި ބައެއް ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅުކުރާ މަންޒަރު ފެންނަ ވީޑިޔޯތަކެއްވަނީ މީސްމީޑިޔާގައި ޢާއްމުވެފައެވެ. އަދި މަދަރުސާތައް ކައިރީގައި އެއްވެސް ހަމަނުޖެހުމެއް ނުހިންގާކަން ޔަޤީންކުރުމަށް ފުލުހުންވަނީ ޙަރަކާތްތެރިވެފައެވެ.
ހިޖާބުއެޅި ދަރިވަރުންނާމެދު ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ކަރްނާޓަކާގައި ނުތަނަވަސްކަން އުފެދުނީ އެ ސުޓޭޓުގެ އުޑޫޕީގެ ގިނަ މަދަރުސާތަކުން ހިޖާބުއެޅި ދަރިވަރުން ވައްދަން ދެކޮޅުހެދުމުންނެވެ. އެ މަދަރުސާތަކުން ބުނެފައިވަނީ ހިޖާބުއެޅި ދަރިވަރުން ވައްދަން ނިންމީ އެ ސުޓޭޓުގެ ސަރަޙައްދީ ސަރުކާރުގެ ތަޢުލީމާބެހޭ ވުޒާރާގެ ނިންމުމަކާ އެއްގޮތަށްކަމަށެވެ. އެއާއެކު ހިޖާބުއެޅި ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިން ކުރަމުންދާ މުޒާހަރާތައްވަނީ މީސްމީޑިޔާގެ އެކި ވަޞީލަތްތަކަށާއި ބައިނަލްއަޤްވާމީ ނޫސްތަކުގެ ސަމާލުކަމަށް އައިސްފައެވެ. އަދި އެ މުޒާހަރާތައްވަނީ އިންޑިޔާގެ އެކި ސަރަޙައްދުތަކަށް ފެތުރި ފުޅާވެފައެވެ. އަދި މަދަރުސާތަކަށް ހިޖާބުއެޅި ދަރިވަރުން ނުވައްދަން ގޮވާލައި ހަރުކަށި ފިކުރުގެ ހިންދޫއިންވަނީ އަޑުއުފުލައި ޕެޓިޝަންތަކުގައި ސޮއިކޮށް މުސްލިމުންނަށް ފުރައްސާރަކޮށްފައެވެ.
ކަރްނާޓަކާގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވަނީ ވަކި މިންގަނޑުތަކަކަށް ހެދުން އެޅުމަށް ޤަވައިދެއް އެކުލަވާލައި އެ ނިންމުން ހުރިހާ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތަކަކަށް އަންގާފައިވާނެކަމަށެވެ. އަދި އެ ގޮތަށް ނިންމާފައިވަނީ ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކުގެ ކޯޓުތަކުން ހިޖާބުއެޅުމާ ދެކޮޅަށް ކޮށްފައިވާ ޙުކުމުތަކާ ޙަވާލާދިނުމަށްފަހުކަމަށްވެސް ކަރްނާޓަކާގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވެއެވެ.
61 މިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކަރްނާޓަކާގެ %12 މީހުންނަކީ މުސްލިމުންނެވެ. ކަރްނާޓަކާގެ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތަކަށް ހިޖާބުއަޅައިގެން ނުވަދެވޭނެކަމަށް ނިންމުމުން އެ ސުޓޭޓުގެ ވެރިރަށް ބެންގަލޫރުގައި ހުންނަ ސަރަޙައްދީ ހައި ކޯޓަށް ހިޖާބުއެޅި ދަރިވަރަކު ހުށަހެޅި މައްސަލައެއްވަނީ ބަލައިގަނެފައެވެ. ނަމަވެސް އެ މައްސަލާގައި ޙުކުމު އިއްވާނެ ތާރީޚެއް އަދި ނޭނގެއެވެ.
1.4 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގެ %13 މީހުންނަކީ މުސްލިމުންނެވެ.