ކުޅިވަރު

ފަހުވަގުތު އެންބާޕޭ ކާމިޔާބުކުރި ލަނޑުން ޕީއެސްޖީއަށް މޮޅެއް


ޗެންޕިއަންސް ލީގުގައި ރޭ ކީލިއަން އެންބާޕޭ ފަހު ވަގުތު ކާމިޔާބު ކުރި ލަނޑާއެކު ޕިއެސްޖީން މެޗު ކާމިޔާބުކޮށްފިއެވެ. ޕީއެސްޖީ މެޗު ކާމިޔާބުކުރީ ރެއާލް މެޑްރިޑާ ވާދަކޮށް 1ލަނޑު 0 ލަނޑުންނެވެ.

ޕެރިހުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެމްބާޕޭ ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބާއޯ ކޯޓުއާ ވަނީ މަތަކޮށްފައެވެ. ނޮވެމްބަރު މަހު ލިބުނު އަނިޔާއިން ރަނގަޅުވެ ނޭމާވަނީ ކުޅެން އަރާފައެވެ. އަދި ރޭގެ މެޗުގައި ނޭމާ ވަނީ ލިބޭ ބޯޅަތަކުގައި ރެއާލް ފަހަތަށް ނުރައްކާ ކޮށްފައެވެ. އަނެއްކޮޅުން އަނިޔާއިން ރަނގަޅުވެގެން ރޭގެ މެޗަށް ނިކުތް ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާ ހުއްޓުވުމުގައި ޕީއެސްޖީން ވަނީ ކުރިހޯދާފައެވެ.

މި މެޗުގައި ޕީއެސްޖީ އަށް ލީޑުނަގައިދޭން 62 ވަނަ މިނިޓްގައި އެ ޓީމުގެ ތަރި ލިއޮނަލް މެސީ ޖެހި ޕެނަލްޓީ ރެއާލް ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފައެވެ. މިއީ ބާސެލޯނާ ނޫން ކްލަބެއްގައި ހުރެ މެސީ ރެއާލާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ.
މެޗު އެއްވަރުވެގެން ނިމޭނެ ކަމަށް ހީވެފައިވަނިކޮށް އެމްބާޕޭ، ޕީއެސްޖީ މޮޅުކޮށްދިން ގޯލު ޖެހީ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައެވެ. ނޭމާ ދިން ބޯޅަ ހަމަޖެހިލާފައި އެމްބާޕޭ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ މި ސީޒަންގެ ނިޔަލަށް ޕީއެސްޖީ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ އަންނަ ސީޒަނުގައި ރެއާލާ ގުޅޭނެ ކަމަށް ވާހަކަ ދެކެވެމުންދާއިރު، ރޭ އޭނާގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ.

ރެއާލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހު ނުވަ ވަނަ ދުވަހުއެވެ.