ކުޅިވަރު

ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޔުނައިޓެޑް ޖާގަ ހޯދައިފި


އިންގްލިޝް ޕްރިމިއާ ލީގު ތާވަލްގެ ގަދަ ހަތަރަކުން މެންޗެސްޓަރ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. ޔުނައިޓެޑު ގަދަ ހަތަރަކުން ޖާގަ ހޯދީ ބްރައިޓަން ހޯލްޑް އެންޑް އަލްބިއަންއާ ވާދަކޮށް 2 ލަނޑު 0ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.

އޯލްޑް ޓްރެފޯޑް ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ގޯލެއް ޖަހަން މަސައްކަތްކުރިއެވެ. ލީޑުނަގަން ކުރި މަސައްކަތުގައި ބްރައިޓަންގެ ޔަކޫބް މޯޑާ ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފް ފެށިގެން ހަވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. ޔުނައިޓެޑަށް ލިޑު ނަގައިދިނީ ޔުނައިޓެޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނަލްޑޯގެ މި ލަނޑަކީ ސްކޮޓް މެކްޓޮމިނޭއި ދިން ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރު ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި ނުވަވަނަ ގޯލެވެ. މިއީ އެންމެ ފަހުން އޭނާ ކުޅުނު ހަތް މެޗުގައި ޖެހި ފުރަތަމަ ގޯލެވެ. އަދި މިއީ 2009 ވަނަ އަހަރަށް ފަހު ރޮނާލްޑޯ އަށް ލަނޑެއް ކާމިޔާބު ނުކުރެވި ދިޔަ އެންމެ ދިގު މުއްދަތެވެ.

ޔުނައިޓެޑުން ލީޑުނެގިތާ ތިން މިނިޓް ތެރޭ ބްރައިޓަންގެ ޑިފެންޑަރު ލެވިސް ޑަންކް ޔުނައިޓެޑުގެ އެލަންގާއަށް ކުރި ފައުލަކާއި ގުޅިގެން ވަނީ ރަތްކާދު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ބްރައިޓަންގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ޔުނައިޓެޑަށް ދެ ވަނަ ގޯލެއް ޖެހޭވަރުވީ މެޗުގެ އިތުރުވަގުތުގައެވެ. ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތް ވަނަ މިނިޓްގައި ޕައުލް ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ގޯލު ޖެހި ބްރޫނޯ ފެނާންޑޭސްއެވެ. މި ގޯލު ޖެހުމުގެ ކުރިން ފެނާންޑޭސަށް ގޯލެއް ޖަހަން ރަނގަޅު ފުރުޞަތެއް ލިބި ވަނީ ބޭކާރުވެފައެވެ.
ރޭގެ މެޗުގެ ކުރިން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ޔުނައިޓެޑުން ލީޑު ނެގިނަމަވެސް ނަތީޖާގައި ހިފެހެއްޓޭގޮތް ވަނީ ނުވެފައެވެ.

ރޭގެ މޮޅާއެކު ޔުނައިޓެޑަށް ގަދަ ހަތަރަކުން ޖާގަ ލިބުނީ 25 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކުގައެވެ. ކުރިން ހަތަރެއްގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް މިހާރު ފަސް ވަނައިގައި އޮތީ 25 މެޗުން 41 ޕޮއިންޓާ އެކުގައެވެ. ހަ ވަނައިގައި އޮތީ 22 މެޗުން 39 ޕޮއިންޓާ އެކު އާސެނަލްއެވެ. މެޗު ހަމަކުރާއިރު، ގަދަ ހަތަރަކަށް ވަނުމުގެ ފުރުސަތު އާސެނަލަށް އެބައޮތެވެ.