ޚަބަރު

އެމް.އެން.ޑީ.އެފްގެ ނޯދަން ކޮމާންޑް ޅ.މާފިލާފުއްޓަށް ބަދަލުކުރަނީ


ފާދިއްޕޮޅު މަޑިވަރުގައި ހިންގަމުން އަންނަ އެމް.އެން.ޑީ.އެފްގެ ނޯދަން ކޮމާންޑް، އެއަތޮޅު މާފިލާފުއްޓަށް ބަދަލު ކުުރުމަށް ޑިފެންސް މިނިސްޓްރީން ނިންމަވައިފިއެވެ.މި ނިންމެވުމާއި ގުޅޭގޮތުން ޕީ.އެސް.އެމާއި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ނޯދަން ކޮމާންޑް މާފިލާފުއްޓަށް ވަރަށް އަވަހަށް ބަދަލު ކުރައްވާނެ ކަމަށާއި، ސިފައިންގެ މައި ތަމްރީންތައް ހިންގާ ތަނެއްގެ ގޮތުގައި އެރަށް ބޭނުން ކުރައްވާނެ ކަމަށެވެ. މާފިލާފުށީގައި އިންޑިޔާ ސަރުކާރުގެ އެހީގައި ފެންވަރު ރަގަޅު އަސްކަރީ ތަމްރީން ހިންގާ މަރުކަޒެއް ގާއިމް ކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. "އިންޑިޔާ ސަރުކަރުގެ އެހީގައި މިހާރުވެސް ރަގަޅު އިމާރާތެއް އެބަހުރި މާފިލާފުށީގައި. އެއީ މަޑިވަރަށް ވުރެ، މާ އެކަށީގެންވާ ރަށެއް އަސްކަރީ ބޭނުން ތަކުގައި ބޭނުން ކުރުމަށް. މިހާރު އޮތް ހަމައެކަނި ދައްޗަކީ މާފިލާފުށީގައި ބަނދަރެއް ނެތުމުގެ ދަތިކަން. އެހެންވީމާ އެކަން ހައްލު ކުުރުމަށް މަސައްކަތްތަކެއް ދަނީ ކުރެވެމުން."  ޑިފެންސް މިނިސްޓަރ، އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.މާފިލާފުއްޓަކީ ކުރިން މީހުން އުޅެފައިވާ ރަށަކަށްވުމުން، އެރަށުގައި ހުރި ގެތަކުގެ ބޭނުންވެސް ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބަނދަރުގެ ދަތިކަން ހައްލުވުމުން ނޯދަން ކޮމާންޑް މާފިލާފުއްޓަށް ބަދަލުކުރައްވާނެ ކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.