ޚަބަރު

ރަޝިޔާގެ ޙަމަލާއަކާ އެއްބައިވަންތަކަމާއެކު ކުރިމަތިލުމަށް ޔޫކްރެއިންގެ ރައްޔިތުންނަށް ގޮވާލައިފި


ރަޝިޔާގެ ޙަމަލާއަކާ އެއްބައިވަންތަކަމާއެކު ކުރިމަތިލުމަށް ޔޫކްރެއިންގެ ރައީސް ވޮލޮދިމީރް ޒެލެންސްކީ އެ ޤައުމުގެ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

ފެބްރުއަރީ މަހުގެ 16ވަނަ ދުވަހު ރަޝިޔާގެ ފައުޖުތަކުން ޔޫކްރެއިންނަށް ޙަމަލާ ދޭނެކަމަށް އެކި މަސްދަރުތަކުން ބުނަމުންދާކަން ފާހަގަކުރައްވައި ޒެލިންސްކީ ވިދާޅުވީ އެ ދުވަހަކީ މުޅި ދުނިޔެއަށް ޔޫކްރެއިންގެ ރައްޔިތުންގެ އެއްބައިވަންތަކަން ދައްކާލަން ލިބޭ ފުރުޞަތެއްކަމަށެވެ. ޒެލިންސްކީ ޢާއްމުކުރެއްވި ވީޑިޔޯއެއްގައި ވިދާޅުވީ ރަޝިޔާއިން މަސައްކަތްކުރަނީ ބިރުވެރިކަން ފަތުރައި ސަރަޙައްދީ ހަމަޖެހުން ނަގާލުމަށްކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލުންކެން ވިދާޅުވެފައިވަނީ ޗައިނާގައި ކުރިޔަށްދާ ފިނި މޫސުމުގެ ކުޅިވަރުތައް ނިމުމުގެ ކުރިން ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދޭނެކަމަށް ބެލެވޭކަމަށެވެ. ޗައިނާގެ ވެރިރަށް ބެއިޖިންގައި ބާއްވަމުންދާ ވިންޓަރ އޮލިންޕިކްސް ނިމެނީ ފެބްރުއަރީ މަހުގެ 20ވަނަ ދުވަހުއެވެ. އޭގެ އިތުރުން ތަފާތު އެކި މަސްދަރުތަކާ ޙަވާލާ ދިނުމަށްފަހު އެމެރިކާގެ ބައެއް ނޫސްތަކުންވަނީ ފެބްރުއަރީ މަހުގެ 18ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދޭނެކަމަށެވެ. އަދި ބައެއް ނޫސްތަކުންވަނީ ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދޭނެ ގޮތްވެސް ޢާއްމުކޮށްފައެވެ.

ޔޫކްރެއިންގެ ސަރުކާރުން ބުނެފައިވަނީ ރަޝިޔާއިން ޙަމަލާ ދޭނެކަމަށް ބެލެވުނު ނަމަވެސް ބައެއް ޤައުމުތަކުން އެ މައްސަލަ ބޮޑުކޮށްގެން ބިރުވެރިކަން ފަތަރަން އުޅޭކަމަށެވެ. އެ ގޮތުން ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ރަޝިޔާއިން ޙަމަލާ ދޭނެކަމަށް ޤަބޫލުނުކުރާކަމަށްވެސް ޔޫކްރެއިންގެ ސަރުކާރުން ބުނެފައިވެއެވެ. އަދި ޤައުމުތަކުން ހަނގުރާމަތައް ފަށަނީ ކުރީ ބައިގައި ތާރީޚްތައް ކަނޑައަޅައިގެން ނޫންކަމަށްވެސް ޔޫކްރެއިންގެ ސަރުކާރުން ބުނެއެވެ.

އެމެރިކާގެ އަމިއްލަ ކުންފުންނަކުން ނަގާފައިވާ ފޮޓޯތަކަކުން ދައްކައި ގޮތުގައި ޔޫކްރެއިންގެ ވަށައިގެން އޮންނަ ސަރަޙައްދުތަކަށް ރަޝީޔާއިންވަނީ ގިނަ ޢަދަދެއްގެ ސިފައިންނާއި ބަރުހަތިޔާރު ޖަމާކޮށްފައެވެ. އެމެރިކާގެ ދިފާޢީ ވުޒާރާއިން ލަފާކުރައި ގޮތުގައި މި މަސް ނިމުމުގެ ކުރިން ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދޭނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެ ވުޒާރާއިން ކުރިން ޢާއްމުކޮށްފައިވާ މަޢުލޫމާތުތަކުން ދައްކައި ގޮތުގައި ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރިއަށް ރަޝިޔާއިންވަނީ ބަރުހަތިޔާރާއެކު 100،000އަށްވުރެ ގިނަ ސިފައިން ފޮނުވައިފައެވެ. ނަމަވެސް ރަޝިޔާއިން ބުނެފައިވަނީ ޔޫކްރެއިންނަށް ޙަމަލާ ދިނުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށާއި އެ ސަރަޙައްދަށް ސިފައިންނާއި ބަރުހަތިޔާރު ޖަމާކުރީ ޔޫކްރެއިންގައި އުފެދިފައިވާ ދާޚިލީ ހަމަނުޖެހުމުގެ ސަބަބުން ރަޝިޔާއަށް ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށްކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި ހުޅަނގުގެ ޤައުމުތަކާއެކު ކޮށްފައިވާ މަޝްވަރާތަކުގައި ރަޝިޔާއިންވަނީ ޝަރުތުތަކެއް ކޮށްފައެވެ. އެ ގޮތުން އެ ޝަރުރުތަކުގެ ތެރޭގައި ވިލާތުގެ އިރުމަތީ ބިތުގެ ޤައުމުތަކުގައި ތިބި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް އަނބުރައި ގެންދިޔުމާއި އެ އިއްތިޙާދުގެ މެންބަރުކަން ޔޫކްރެއިންނަށް ދުވަހަކުވެސް ނުދޭނެކަމުގެ ޔަޤީންކަން ދިނުން ހިމެނެއެވެ. ނަމަވެސް އެއީ ނޭޓޯއާއި ވިލާތުގެ އިއްތިޙާދުންވެސް ބަލައިގަންނަ ޝަރުތަތަކެއް ނޫނެވެ.

2014ވަނަ އަހަރުގެ ތެރޭގައި ޔޫކްރެއިންނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ކުރިމިޔާ ސަރަޙައްދުވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އޭގެ އިތުރުން ޔޫކްރެއިނުން ވަކިވެގަތުމަށް ހަނގުރާމަކުރަމުންދާ ޖަމާޢަތްތަކަށް ރަޝިޔާއިން މާލީ އަދި އަސްކަރީ އެހީތެރިކަމާއި ފޯރުކޮށްދެއެވެ.