ޚަބަރު

ލޯޑް ޠާރިޤް އަޙްމަދު، ޑިފެންސް މިނިސްޓަރ މާރިޔާ އަރިހަށް ޒިޔާރަތްކުރައްވައިފި


އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިޔާ، ދަ ޔޫއެން އެންޑް ދަ ކޮމަންވެލްތު ލޯޑު ޠާރިޤް އަޙްމަދު، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސްގައި އޮތް މިބައްދަލުކުރެއްވުމުގައި މިނިސްޓަރ މާރިޔާ ވަނީ، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ގުޅުމަށް އާ ރޫޙަކާއެކު އިތުރަށް ވަރުގަދަވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އިނގިރޭސި ސަރުކާރުން، ދިވެހިރާއްޖެއަށް ދިފާޢީ އަދި ސަލާމަތީ ރޮނގުން، ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ، އެކަމަނާވަނީ އިނގިރޭސި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ މާރިޔާ ވަނީ 10 އަހަރުގެ މެދުކެނޑުމަކަށްފަހު، އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތަކުގައި ދިވެހި ސިފައިންނަށް ތަމްރީނުވުމުގެ ފުރުޞަތު ހުޅުވާލާފައިވާތީ އެކަން ފާހަގަކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުން ތަމްރީނުވެފައިވާ ގިނަ ޢަދަދެއްގެ ސިފައިން، އެމްއެންޑީއެފްގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާކަމަށާއި މިތަމްރީނުތަކުގެ ބޭނުން ސިފައިން ވަރަށް ރަނގަޅަށް ހިފަމުންދާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ކައުންޓަރ ޓެރަރިޒަމް، އޭވިއޭޝަން ސެކިއުރިޓީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެޤައުމުން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ޔޫކޭގެ މިނިސްޓަރ އޮފް ސްޓޭޓް ލޯޑު ޠާރިޤް އަޙްމަދުވަނީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުގައި އިތުރަށް އެއްބާރުލުން ދެއްވުމަށް އިނގިރޭސި ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ މާރިޔާގެ އިތުރުން، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދާއި، ޑީއައިޑީސީގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަރީފާއި، އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޙުސައިން ނަޒީފާއި، އެންސީޓީސީގެ ޑިރެކްޓަރ ލެފްޓިނެންޓް ކާނަލް އިބްރާހީމް ނަޢީމް އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އޮޕަރޭޝަންސް ޑައިރެކްޓަރ މޭޖަރ އަޙްމަދު ޝަފީޤު ވަނީ ބައިވެރިވެވަޑައިގެންފައެވެ.