ޚަބަރު

"ސްޓާރސް" ބްރޭންޑްގެ "ސްޕްރިންގ އަނިއަން" ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި


"ސްޓާރސް" ބްރޭންޑްގެ "ސްޕްރިންގ އަނިއަން" ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރީޓީއިން ބުނީ، ސްޓަރޓްސް ބްރޭންޑްގެ ސްޕްރިންގ އަނިއަން ދިވެހިރާއްޖެއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް (އާރް.އޭ.އެސް.އެފް.އެފް) އިން އެ އޮތޯރިޓީއަށް އަންގާފައިވާކަމަށެވެ.

އެމް.އެފް.ޑީ.އޭއިން ބުނީ މި އެލާޓާއިއެކު މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ނުރައްކާގެ މިންވަރު ދެނެގަތުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އޮތޯރިޓީން ވަކިގޮތެއް އަންގަންދެން މި އުފެއްދުން ނުވިއްކުމާއި ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.

ސްޓާރސް ބްރޭންޑްގެ ސްޕްރިންގ އަނިއަން އަކީ "ޕެސްޓިސައިޑް" އިން ތަޢައްޔަރު ވެފައިވާ އުފެއްދުމެކެވެ. އަދި މިސްރުގެ އުފެއްދުމެއް ކަމަށްވާ ސްޕްރިންގ އަނިއަން އަކީ ނެދަރލެންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ގްލޯބަލް ގްރީން ޓީމް' އިން ހޯލްސޭލްކޮށްފައިވާ އުފެއްދުމެކެވެ.