ވިޔަފާރި

ޝަންގްރިއްލާ ރިސޯޓު ނުހުޅުވި އޮތުމުން ސަރުކާރަށްވެސް ގެއްލުން ލިބޭ: މިނިސްޓަރ


ޝަންގްރިއްލާ ރިސޯޓުގައި އޮންނަ ސަރުކާރުގެ 30 އިންސައްތަ ހިއްސާ ދޫކޮށްލުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، ޝަންގްރިއްލާ ރިސޯޓު ނުހުޅުވި ލަސްވުމާއި ގުޅޭ ގޮތުން މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ، ވިލިނގިލީގައި ތަރައްޤީކޮށްފައިވާ ޝަންގްރިއްލާ ރިސޯޓަކީ ސަރުކާރުގެ 30 އިންސައްތަ ހިއްސާއާއެކު އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު ހުޅުވާފައިވާ ރިސޯޓެއް ކަމަށެވެ.

ނަމަވެސް ރިސޯޓު ބަންދުކުރި ފަހުން އެއްވެސް ފައިދާއެއް ނުވެ ގިނަ ދުވަސް ވަމުންދާއިރު، ރިސޯޓަށް ލިބޭ ގެއްލުމުގެ ބަދަލުގައި ނަގަން ޖެހޭ ލޯނުގައިވެސް ސަރުކާރުގެ ހިއްސާ އޮތް ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި އެލޯނަށް މިހާރުވެސް 68 މިލިއަން ޑޮލަރު ނުވަތަ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ސަރުކާރަށް ޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ވީހާވެސް އަވަހަށް ރިސޯޓު ހުޅުވުން ކަމަށާއި، މިހާތަނަށް އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު ކުރެވުނު މަޝްވަރާތަކުން އެރިސޯޓު ހުޅުވޭނެ ވަކި ތާރީޚެއް ސާފު ވެފައި ނެތް ކަމަށެވެ. އެއީ ރިސޯޓު ނުހުޅުވި ގިނަ ދުވަސް ވުމުން މަރާމާތުތަކެއް ކުރަން ޖެހުމުންނެވެ. މިއާއެކު ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުގެ 30 އިންސައްތަ ހިއްސާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް ޓުއަރިޒަމް ޤާނޫނަށް އިސްލާހު ގެނެސްގެން މަސައްކަތް ކުރެވުނުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"ޓުއަރިޒަމް ޤާނޫނަށް ގެނެވުނު 10 ވަނަ އިސްލާހުގެ އަލީގައި އަޅުގަނޑުމެންނަށް ފޯމިއުލާއެއް ލިބުނު. އެހެންނަމަވެސް އެ ފޯމިއުލާގެ ދަށުން އެ ރަށުގެ ސައިޒް ބޮޑުކަމުން 80 މިލިއަން ވަރު އަރާ ޝެއާރ ބަދަލު ކުރަން. އެހެންވީމަ އަޅުގަނޑުމެން މިހާރު ވާނެ ޓުއަރިޒަމް ޤާނޫނަށް ގެނެވޭ 11 ވަނަ އިސްލާހު ޑްރާފްޓް ކޮށްފަ. އޭގެ ދަށުން އެ 30 ޕަސެންޓު ހިއްސާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ގަނެވޭ ކަހަލަ ގޮތެއް ވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން " މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

އައްޑޫގައި އެންމެ ބޮޑު ދެ ރިސޯޓުގެ ގޮތުގައި އޮތް ޝަންގްރިއްލާ ރިސޯޓާއި ކެނެރީފް ރިސޯޓު ބަންދުކޮށްފައިވަނީ ކޯވިޑާއި ގުޅިގެންނެވެ. ނަމަވެސް ކެނެރީފް ރިސޯޓު ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްގެން މިދިޔަ މަހުގެ 15 ގައި ވަނީ އަލުން ހުޅުވާފައެވެ.

284 އެނދުގެ ޝަންގްރިއްލާ ރިސޯޓު އަދިވެސް ނުހުޅުވި އޮތުމަކީ އައްޑޫގެ ގިނަ ބައެއްގެ ކަނބޮޑުވުމެކެވެ. ޚާއްސަކޮށް ސަރުކާރުގެ ހިއްސާ މި ރިސޯޓުގައި އޮތްއިރު ރިސޯޓު ހުޅުވުމަށް ގިނަ ދުވަސްތަކެއް ވުމުން، ފަތުރުވެރިކަން ރާއްޖޭގެ ކުރިއަރަމުން އަންނަ ދަނޑިވަޅުގައި އޭގެ ފައިދާ ފުރިހަމައަށް ނުނެގޭ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.