ޚަބަރު

އެމްޑީޕީގެ ޕީޖީ ލީޑަރުކަމަށް އަސްލަމާއި، ޢާޒިމް ވާދަކުރައްވަނީ


ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ މަޤާމަށް، މިހާތަނަށް އެމަޤާމު ފުރުއްވަމުންދިޔަ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ ޢާޒިމާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ އިންތިޚާބު އޮންނާނީ މިމަހުގެ 18ގައެވެ. މި މަޤާމަށް ކުރިމަތިލުމުގެ އަންނަ ބުރާސްފަތިދުވަހަށް ހަމަވާނެއެވެ. ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ކަމަށް އެއްބޭފުޅަކު އިންތިޚާބު ކުރާއިރު، ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ކަމަށް ދެބޭފުޅަކު އިންތިޚާބު ކުރާނެއެވެ. އަދި އަމީން އާންމުގެ މަގާމަށް އެއްބޭފުޅަކު، އަމީން އާއްމުގެ ނާއިބުގެ މަގާމަށް އެއްބޭފުޅަކު ޗީފް ވިޕްއަށް 6 ބޭފުޅުން އިންތިޚާބު ކުރާނެއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ މަޤާމަށް އަސްލަމް ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު، އެންމެ ފަހުން ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައިވެސް އޭނާވަނީ ޕީޖީ ގްރޫޕްގެ ލީޑަރަކު ނެތި ގިނަ ދުވަސްތަކެއްވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަސްލަމް ގެންދަވަނީ މަޤާމަށް ވާދަކުރެއްވުމަށް ނިންމަވައި، މެމްބަރުންގެ ތާއީދު ހޯއްދެވުމަށްވެސް މަސައްކަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަޤާމު މިހާތަނަށް ފުރުއްވި އާޒިމް ވަނީ މިފަހަރުވެސް ޕީޖީ ލީޑަރުގެ މަޤާމަށް ވާދަކުރެއްވުމަށް ނިންމަވާފައެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް އާޒިމްވެސް ގެންދަވަނީ ކުރައްވަމުންނެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް މިހާތަނަށް ހުންނެވި ޢަލީ އާޒިމްގެ ދައުރު ހަމަވީ މިދިޔަ މަހުއެވެ. އެމްޑީޕީން އަންނަނީ އެޕާޓީގެ ގިނަ މަޤާމުތަކެއްގެ އިންތިޚާބު ބާއްވަން ތައްޔާރުވަމުންނެވެ.

އެގޮތުން އެޕާޓީގެ ޗެއަރޕާސަންގެ އިންތިޚާބު އޭޕްރީލް މަހު އަދި ކޮންގްރެސް އޯގަސްޓް މަހު ބޭއްވުމަށް ޤައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.