ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ލީބިޔާގައި ޢާއްމު އިންތިޚާބެއް ބާއްވަން އދން ގޮވާލައިފިއެވެ.
އދގެ ސެކެޓުރީ ޖެނެރަލް އެންތޮނިޔޯ ގުތެޚޭޝްގެ ފަރާތުން ލީބިޔާއަށް ކަނޑައަޅައިވާ ޚާއްޞަ މުޝީރު ސެޓަފިނީ ވިލިއަމްސް ވިދާޅުވީ ލީބިޔާގެ މަޞްރަޙް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ހުރިހާ ފަރާތްތަކަކުންވެސް އިތުރަށް މައްސަލަ ގޯސްނުވާނެ ގޮތްތަކަކަށް ޢަމަލުކުރަން ޖެހޭކަމަށެވެ. އެ ގޮތުން ލީބިޔާގައި ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި މިނިވަން އަދި އިންޞާފުވެރި ޢާއްމު އިންތިޚާބެއް ބާއްވަން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ލީބިޔާގައި ޢައްޔަންކޮށްފައިވާ ދެ ބޮޑުވަޒީރުންނާ ބައްދަލުކުރައްވައި އެ ބޭފުޅުންނަށް އެ ގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވާފައިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލީބިޔާގައި ޢާއްމު އިންތިޚާބެއް ބާއްވަން އދން ގޮވާލާފައިވަނީ ޤާނޫނުހަދާ މަޖިލީހުން ދެވަނަ ބޮޑުވަޒީރެއް ޢައްޔަންކޮށްފައިވަނިކޮށެވެ. ލީބިޔާގައި ދެވަނަ ބޮޑުވަޒީރެއް ޢައްޔަންކޮށްފައިވަނީ އދއާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގެންފައިވާ ސަރުކާރުގެ ބޮޑުވަޒީރު ޢަބްދުލް ޙަމީދު ދަބީބާ އަވަހާރަކޮށްލަން ޙަމަލާއެއް ދީފައިވަނިކޮށެވެ. ލީބިޔާގެ ސަރުކާރުން ބުނެފައިވަނީ ހަތިޔާރުއެޅި ބަޔަކު ދަބީބާ ދަތުރުކުރެއްވި ކާރަށް ބަޑިން ޙަމަލާ ދީފައިވާކަމަށާއި އެ ޙަމަލާއިން އޭނާ ސަލާމަތްވެވަޑައިގެންފައިވާކަމަށެވެ. ލީބިޔާގެ ޤާނޫނުހަދާ މަޖިލީހުން އައު ބޮޑުވަޒީރެއް ޢައްޔަންކުރި ނަމަވެސް ދަބީބާ ވިދާޅުވެފައިވަނީ އޭނާގެ ބާރުތައް ދޫނުކުރައްވާނެކަމަށާއި އެ ޤައުމުގައި އިންތިޚާބެއް ބޭއްވެންދެން މަޤާމުގައި ދެމިހުންނަވާނެކަމަށެވެ.
އަންނަ ޑިސެންބަރު މަހުގެ ތެރޭގައި ލީބިޔާގައި ޢާއްމު އިންތިޚާބެއް ބޭއްވުމަށް ކުރިންވަނީ ހަމަޖެހިފައެވެ، ނަމަވެސް އެ ތާރީޚުގައި އިންތިޚާބެއް ނުބޭއްވޭނެކަން ކަށަވަރުވުމުން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުންވަނީ އެ ޤައުމުގެ ސަރުކާރާ ޙަވާލުވުމަށް މަސައްކަތް ފަށައިފައެވެ. އަދި ބާޝާޣާވަނީ އޭނާގެ އަރިސް ބޭފުޅުންނާއެކު ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ވެރިރަށް ޠަރާބުލުސަށް ވަޑައިގެންފައެވެ.
2011ވަނަ އަހަރުގެ ތެރޭގައި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިން ދިން ޙަމަލާއެއްގައި ލީބިޔާގެ ޒަޢީމު ކާނަލް މުޢައްމަރުލް ޤައްޒާފީ އަވަހާރަވުމުން އެ ޤައުމުވަނީ ބޮޑު ދާޚިލީ ހަމަނުޖެހުމަކަށް ވެއްޓިފައެވެ. އެ ގޮތުން 2014ވަނަ އަހަރުގެ ތެރޭގައި ލީބިޔާގައި ދާޚިލީ ހަނގުރާމައެއް ފެށި އެ ޤައުމުގެ ދެ ސަރަޙައްދުގައި ވަކި ދެ ސަރުކާރު ޤާއިމުކުރިއެވެ. ހަ އަހަރުދުވަހަށްފަހު ލީބިޔާގައި ދާޚިލީ ހަނގުރާމަ ނިމުމަކަށް އައިސްފައިވަނީ އެ ޤައުމުގައި ޢާއްމު އިންތިޚާބެއް ބާއްވައި ޢާއްމުން އިންތިޚާބު ކުރައި ސަރުކާރަކަށް ބާރުތައް ޙަވާލުކުރުމަށް އެއްބަސްވުމަށްފަހުއެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި އެ ޤައުމުގައި އިންތިޚާބެއް ބޭއްވިފައެއް ނުވެއެވެ.