ޚަބަރު

ޑީއާރުޕީގެ ދަރަނީގެ މައްސަލާގައި ޖާބިރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ޢަމުރެއް ނެރެފި


ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އިން އެމްޓީސީސީއަށް ދައްކަންޖެހޭ ފައިސާގެ މައްސަލައެއްގައި އެޕާޓިގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހައްޔަރުކޮށްގެން ކޯޓަށް ޙާޒިރުކުރުމުގެ ޢަމުރެއް ސިވިލް ކޯޓުން ނެރެފިއެވެ.

އެއީ 2007އިން 2009އާ ދެމެދު އެމްޓީސީސީން ހޯދާފައިވާ ޚިދިމަތްތަކަށްވާ 1.1 ރުފިޔާ ނުދައްކާ މައްސަލާގައެވެ. މި މައްސަލާގައި މީގެ ކުރިން ސިވިލް ކޯޓާއި ހައިކޯޓުން ވަނީ އެ ފައިސާ ދެއްކުމަށް ޑީއާރުޕީއަށް ޙުކުމްކޮށްފައެވެ. އަދި  މި މައްސަލަ އިސްތިއުނާފްކުރުމުގެ ހުއްދަ ނުދޭން ސުޕްރީމް ކޯޓުން ނިންމާފައި ވީނަމަވެސް މިހާތަނަށް އެފައިސާ ދައްކާފައެއް ނުވެއެވެ.

ސިވިލް ކޯޓުން ބުނީ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު ޢަބްދުﷲ ޖާބިރު ހައްޔަރުކޮށްގެން އެ ކޯޓަށް ޙާޒިރުކުރުމަށް ޢަމަުރެއް ނެރުނީ އެ ޕާޓީގެ މައްޗަށް އެމްޓީސީސީން އުފުލާފައިވާ ދައުވާގެ މައްސަލާގައިކަމަށެވެ.

ޑީއާރުޕީއަކީ ރާއްޖޭގައި ދެވަނައަށް ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއެވެ. އެޕާޓީ އުފެއްދެވީ އޭރު ވެރިކަމުގައި ހުންނަވައިގެން ރައީސް މައުމޫނެވެ. ޑީއާރުޕީގެ ޒަޢީމަކަށް ހުންނަވައިގެން ރައީސް މައުމޫންގެ ލީޑަރޝިޕްގައި އެޕާޓީން ވަރަށް ގިނަ ކާމިޔާބީތައް ހާސިލުކޮށްފައިވެއެވެ. ނަމަވެސް ޑީއާރުޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއެކު އެޕާޓީ ދެބައިވެ ރައީސް މައުމޫން އިސްވެ ހުންނަވާ އުފެއްދެވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އެވެ. އަދި އޭގެ ފަހުން އެޕާޓީގެ ތެރޭގައި އޭރުގެ ރައީސް އަދި ރައީސް މައުމޫންގެ ކޮއްކޯފުޅު ޔާމީން ޢަބްދުލް ޤައްޔޫމާއި ދެމެދު ޚިޔާލުތަފާތުވުންތައް އުފެދި ރައީސް މައުމޫނު ވަނީ ޕީޕީއެމްގެ ރައީސްކަމުން ވަނީ ދުރުކުރައްވާފައެވެ.

ޑީއާރުޕީގައި އޭރު އިސްކޮށް އުޅުއްވި ފަރާތްތައް އެޕާޓި ދޫކުރައްވާ ވަޑައިގަތް އިރު އެޕާޓިގެ ދަރަނީގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން އެމްޓީސީސީގެ އިތުރުން ހަބް ކުންފުންޏާއި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރަށް ޑީއާރުޕީން ފައިސާ ދިނުމަށްވެސް ކޯޓުން ކުރިން ހުކުމްކޮށްފައިވެއެވެ.

ޑީއާރުޕީގެ ލީޑަރުކަމަށް ޢަބްދުﷲ ޖާބިރު ވަޑައިގަތުމުގެކުރިން އެޕާޓިގެ ލީޑަރަކަށް ހުންނެވީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް)އެވެ.