ޚަބަރު

ބައި އިލެކްޝަނުގައި އޮސްޓުރޭލިޔާގެ ވެރިކަންކުރާ އިއްތިޙާދަށް ބޮޑު ނާކާމިޔާބީއެއް


އޮސްޓުރޭލިޔާގެ އެންމެ އާބާދީ ބޮޑު ސުޓޭޓުކަމަށްވާ ނިޔު ސައުތު ވޭލްސްގައި ބޭއްވި ބައި އިލެކްޝަނުގައި އެ ޤައުމުގެ ވެރިކަންކުރާ ލިބެރަލް ނޭޝަނަލް އިއްތިޙާދަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ފާއިތުވި ދުވަސްތަކުގައި ލިބެރަލް ޕާޓީއަށް އޮންނަ ތާޢީދުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެ ގޮތުން ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވަނީ ދޯދިޔާ ފިޔަވަޅުތަކެއްކަމަށާއި ބަލިމަޑުކަން ފެތުރުން ނުހުއްޓޭކަމަށާއި ބަލިޖެހިގެން މަރުވާ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށް ބުނެ ޢާއްމުންގެ ބޮޑެތި ފާޑުކިޔުންތަކެއްވަނީ ސަރުކާރަށް ޢަމާޒުވެފައެވެ. އެއާއެކު އަންނަ މޭއި މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮސްޓުރޭލިޔާގެ ޢާއްމު އިންތިޚާބު ލިބެރަލް ޕާޓީއަށް ކާމިޔާބުކުރެވޭނެކަމާމެދުވަނީ ސުވާލު އުފެދިފައެވެ.

އޮސްޓުރޭލިޔާގެ ދުވަހަކު ނޫހަކުން ކުރި ސާވޭއަކުން ދެއްކި ގޮތުގައި ޖަނަވަރީ މަހުގެ ތެރޭގައި މޮރިސަންނަށް އޮތް ތާޢީދުވަނީ %5އަށް ދަށަށް ގޮސްފައެވެ. އެއާއެކު އޭނާއަށް އޮތީ %39ގެ ތާޢީދެއްކަމަށް އެ ސާވޭއިންވަނީ ދައްކައިފައެވެ. އެއީ 2020ވަނަ އަހަރުގެ މާރިޗު މަހުގެ ފަހުން މޮރިސަންނަށް އޮތް ތާޢީދު އެ މިންވަރަށް ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. އޭގެ އިތުރުން ލިބެރަލް ނޭޝަނަލް އިއްތިޙާދަށް އޮތް ތާޢީދުވެސްވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެ ގޮތުން އެ އިއްތިޙާދަށް ތާޢީދުކުރަނީ %44 މީހުންކަން އެ ސާވޭއިންވަނީ ދައްކައިފައެވެ. އަދި އިދިކޮޅު ލޭބަރ ޕާޓީއަށް %56ގެ ތާޢީދެއް އޮތްކަންވެސް އެ ސާވޭއިންވަނީ ދައްކައިފައެވެ.

ނިޔު ސައުތު ވޭލްސްގައި ބޭއްވި ބައި އިލެކްޝަނުގެ ރަސްމީ ނަތީޖާތައް އިޢުލާންކުރުމަށް އަދި ދުވަސްތަކެއް ނެގި ނަމަވެސް އެ އިންތިޚާބުގައި ވާދަކުރި ސަރުކާރުގެ ކެނޑިޑޭޓުންވަނީ ބަލި ޤަބޫލުކޮށްފައެވެ. އެއާއެކު ނިޔު ސައުތު ވޭލްސްގައި ލިބެރަލް ޕާޓީއަށް އޮންނަ ތާޢީދުވަނީ އިތުރަށް ހަނިވެފައެވެ.