ޚަބަރު

ބައިޑަންނާއި ޕުޓިންގެ މަޝްވަރާތަކުންވެސް ކުރިއެރުމެއް ނުލިބުނު


ޔޫކްރެއިންގެ މައްސަލާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންނާއި ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންނާ ދެމެދު ކުރެއްވި މަޝްވަރާތަކުންވެސް އެއްވެސް ކުރިއެރުމެއް ނުލިބި ނިންމާލަން ޖެހިއްޖެއެވެ.

ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދިނުމަށް ތައްޔާރުވަމުންދާކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ދަނޑިވަޅެއްގައި ތެލެފޯން މެދުވެރިކޮށް ޕުޓިންނާ ކުރެއްވި މަޝްވަރާތަކުގައި ބައިޑަންވަނީ ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދީފިނަމަ ހުޅަނގުގެ ޤައުމުތަކުން ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފައެވެ. އަދި އެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔެއިން ރަޝިޔާ ބާކީވެ އެ ޤައުމަށް ހީނުކުރާވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެކަމަށް ބައިޑަންވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ މަޝްވަރާތައް ނިންމާލަން ޖެހުނީ މައްސަލައަށް އެއްވެސް ޙައްލެއް ނުލިބިއެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރުން ބުނެފައިވަނީ މަޝްވަރާތަކުގައި ޕުޓިން ހުށަހެޅުއްވި ކަނބޮޑުވުންތައް ބައިޑަން ބަލައިނުގަންނަވާކަމަށެވެ. އެ ގޮތުން ވިލާތުގެ އިރުމަތީ ބިތުގެ ޤައުމުތަކުގައި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިން ފުޅާކުރަމުންދާ ޙަރަކާތްތަކާއި އެ އިއްތިޙާދުގެ މެންބަރުކަން ޔޫކްރެއިންނަށް ދިނުމާ ދެކޮޅުކަމަށް ޕުޓިންވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ ބައިޑަންގެ އިތުރުން ނޭޓޯއާއި ވިލާތުގެ އިއްތިޙާދުންވެސް ބަލައިގަންނަ ޝަރުތަތަކެއް ނޫނެވެ.

އެމެރިކާގެ އަމިއްލަ ކުންފުންނަކުން ނަގާފައިވާ ފޮޓޯތަކަކުން ދައްކައި ގޮތުގައި ޔޫކްރެއިންގެ ވަށައިގެން އޮންނަ ސަރަޙައްދުތަކަށް ރަޝީޔާއިންވަނީ ގިނަ ޢަދަދެއްގެ ސިފައިންނާއި ބަރުހަތިޔާރު ޖަމާކޮށްފައެވެ. އެމެރިކާގެ ދިފާޢީ ވުޒާރާއިން ލަފާކުރައި ގޮތުގައި މި މަސް ނިމުމުގެ ކުރިން ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދޭނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެ ވުޒާރާއިން ކުރިން ޢާއްމުކޮށްފައިވާ މަޢުލޫމާތުތަކުން ދައްކައި ގޮތުގައި ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރިއަށް ރަޝިޔާއިންވަނީ 100،000 ސިފައިން ބަރުހަތިޔާރާއެކު ފޮނުވައިފައެވެ.

ރަޝިޔާއިން ބުނެފައިވަނީ ޔޫކްރެއިންނަށް ޙަމަލާ ދިނުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށާއި އެ ސަރަޙައްދަށް ސިފައިންނާއި ބަރުހަތިޔާރު ޖަމާކުރީ ޔޫކްރެއިންގައި އުފެދިފައިވާ ދާޚިލީ ހަމަނުޖެހުމުގެ ސަބަބުން ރަޝިޔާއަށް ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށްކަމަށެވެ. 2014ވަނަ އަހަރުގެ ތެރޭގައި ޔޫކްރެއިންނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ކުރިމިޔާ ސަރަޙައްދުވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އޭގެ އިތުރުން ޔޫކްރެއިނުން ވަކިވެގަތުމަށް ހަނގުރާމަކުރަމުންދާ ޖަމާޢަތްތަކަށް ރަޝިޔާއިން މާލީ އަދި އަސްކަރީ އެހީތެރިކަމާއި ފޯރުކޮށްދެއެވެ.