އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ނޯވިޗް ސިޓީ ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގައި 12 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ނޯވިޗްގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީއިން ކާމިޔާބުކުރީ 4 ލަނޑު ސުންލަނޑުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ސިޓީއިންނެވެ. ނަމަވެސް މިމެޗްގެ ކުރީކޮޅު ސިޓީއަށް ވަނީ ނޯވިޗްގެ ކުޅުންތެރިން ނުރައްކާކޮށް ސިޓީއިން އާންމުކޮށް ކުޅޭ ކުޅުން ދެއްކިޔަ ނުދީ ހިފަހައްޓާލާފައެވެ. މިމެޗްގެ ލީޑު ސިޓީއިން ނެގީ މެޗްގެ 31 ވަނަ މިނެޓްގައި ރަހީމް ސްޓަރލިންގ ޖަހައިދިން ލަނޑުންނެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ދެވަނ ހާފްގެ ކުޅުން ފެށިތާ ތިންވަނަ މިނެޓްގައި ޖަހައިދިނީ ފިލް ފޯޑެންއެވެ. މިމެޗްގައި ސިޓީގެ ތިންވަނަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ސްޓަރލިންގ ޖަހައިދިން އިރު އޭނާވަނީ މެޗްގެ އިތުރު ވަގުތުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗްގައި ހެޓްރިކްވެސް ހަދާފައެވެ. އޭނާގެ ފަހު ލަނޑަކީ ސިޓީއަށް ލިބުނު ޕެނަލްޓީއެއްގެ ރީބައުންޑުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މިކާމިޔާބީއާއެކު ސިޓީއަށް މިވަނީ 25 މެޗުން 63 ޕޮއިންޓް ލިބި ޕޮއިންޓް ތަވަލްގައި 12 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ނަމަވެސް މިއަދު ލިވަޕޫލް ކުޅޭ މެޗުން މޮޅުވެއްޖެނަމަ މިފަރަގު 9 ޕޮއިންޓަށް ތިރިވެ އަދި އެޓީމް ނުކުޅެ އިތުރަށްއޮތް މެޗާއެކު މިފަރަގު ހަޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ. އެހެންކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާވަނީ އޭނާގެ ޓީމް އަދިވެސް ދަނީ ލީގަށް އެހެން ޓީމްތަކާއެކު ވާދަކުރަމުންކަމަށް ހާމަކޮށްފައެވެ. އަދި ލިވަޕޫލަށް ވުރެ ކުރި ހޯދާނަމަ 90 ޕޮއިންޓަށް ވުރެ ގިނައިން މިފަހަރު ހޯދަން މަޖްބޫރު ވާނެކަމަށްވެސް އޭނާ ހާމަކުރެއެވެ. މިނާކާމިޔާބީއާއެކު ނޯވިޗް އުޅެނީ 24 މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.