ޚަބަރު

ރަޝިޔާއިން އިތުރު ސިފައިންނާއި ހަތިޔާރު ޖަމާކޮށްފި، ކޮންމެ އިރަކުވެސް ޙަމަލާ ދީފާނެ


ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރިއަށް ރަޝިޔާއިން އިތުރު ސިފައިންނާއި ބަރުހަތިޔާރު ޖަމާކޮށްފައިވާކަމަށާއި ކޮންމެ އިރަކުވެސް ޙަމަލާ ދީފާނެކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ އަމިއްލަ ކުންފުންނަކުން ނަގާފައިވާ ފޮޓޯތަކަކުން ދައްކައި ގޮތުގައި ޔޫކްރެއިންގެ ވަށައިގެން އޮންނަ ސަރަޙައްދުތަކަށް ރަޝީޔާއިންވަނީ ގިނަ ޢަދަދެއްގެ ސިފައިންނާއި ބަރުހަތިޔާރު ޖަމާކޮށްފައެވެ. އެމެރިކާގެ ދިފާޢީ ވުޒާރާއިން ލަފާކުރައި ގޮތުގައި މި މަސް ނިމުމުގެ ކުރިން ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދޭނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެ ވުޒާރާއިން ކުރިން ޢާއްމުކޮށްފައިވާ މަޢުލޫމާތުތަކުން ދައްކައި ގޮތުގައި ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރިއަށް ރަޝިޔާއިންވަނީ 100،000 ސިފައިން ބަރުހަތިޔާރާއެކު ފޮނުވައިފައެވެ.

ރަޝިޔާއިން ބުނެފައިވަނީ ޔޫކްރެއިންނަށް ޙަމަލާ ދިނުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށާއި އެ ސަރަޙައްދަށް ސިފައިންނާއި ބަރުހަތިޔާރު ޖަމާކުރީ ޔޫކްރެއިންގައި އުފެދިފައިވާ ދާޚިލީ ހަމަނުޖެހުމުގެ ސަބަބުން ރަޝިޔާއަށް ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށްކަމަށެވެ. ނަމަވެސް ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރުކަން ޔޫކްރެއިންނަށް ދުވަހަކުވެސް ނުދިނުމަށް ވަޢުދުވެ ވިލާތުގެ އިރުމަތީ ބިތުގެ ޤައުމުތަކުގައި ތިބި އެ އިއްތިޙާދުގެ ފައުޖުތައް އަނބުރައިގެންދަން ރަޝިޔާއިންވަނީ ޝަރުތުކޮށްފައެވެ. އަދި އެ ގޮތަށް ނޭޓޯއިން ޢަމަލުނުކޮށްފިނަމަ ރަޝިޔާއިން އަސްކަރީ ފިޔަވަޅުތަކެއް އަޅަން ޖެހޭނެކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.

ރަޝިޔާގެ ޝަރުތުތައް ބަލައިނުގަންނާނެކަމަށް ވިލާތުގެ އިއްތިޙާދާއި ނޭޓޯއިންވަނީ ބުނެފައެވެ. އަދި އެ މައްސަލާގައި ވިލާތުގެ އިއްތިޙާދާއި ނޭޓޯއިން ޢަމަލުކުރާނީ ގުޅިންކަމަށްވަނީ އިޢުލާންކޮށްފައެވެ. ރަޝިޔާއާއި ޔޫކްރެއިންގެ މަޞްރަޙް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮންވަނީ ރަޝިޔާއަށް ވަޑައިގެން ރައީސް ވުލަޑުމީރް ޕުޓިންނާ ބައްދަލުކުރައްވައިފައެވެ. ނަމަވެސް ފަސް ގަޑިއިރުގެ ބައްދަލުވުމުގައި އެދެވޭ ކުރިއެރުންތަކެއް ހޯދިފައެއް ނުވެއެވެ. އެ ގޮތުން މެޚްރޮންގެ ވާހަކަތައް އަޑުއެއްސެވުމުގެ ބަދަލުގައި ޕުޓިންވަނީ ފިނި ހަނގުރާމައިގެ ދުވަސްވަރުގެ ވާހަކަތަކެއް ދައްކަވައި މަޢުޞޫއު ބަދަލުކުރައްވައިފައެވެ. އަދި އެ ބައްދަލުވުމުގެ ކުރިންވެސް އަދި ފަހުންވެސް މެޚްރޮންނާ ސަލާންކުރައްވައި އެއްވެސް ގާތްކަމެއް ދެއްކެވުމަށް ޕުޓިންވަނީ އިންކާރުކުރައްވައިފައެވެ. އޭގެ އިތުރުން ޖަރުމަންވިލާތުގެ ވެރިރަށް ބަރލިންގައި އެ ޤައުމުގެ އިތުރުން ފަރަންސޭސިވިލާތާއި ރަޝިޔާއާއި ޔޫކްރެއިންނާ ދެމެދު ބޭއްވި މަޝްވަރާތައްވެސްވަނީ ނާކާމިޔާބުވެފައެވެ.

ރަޝިޔާއާއި ޔޫކްރެއިންގެ މަޞްރަޙް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ ޔޫކްރެއިންގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިރުން އެ ޤައުމު ދޫކޮށް ދިޔުމަށް ގޮވާލައްވައިފައެވެ. އަދި ޔޫކްރެއިންނަށް ރަޝިޔާއިން ޙަމަލާ ދީފި ޙާލަތެއްގައި އެމެރިކާގެ ރައްޔިތުން ސަލާމަތްކުރުމަށް އެއްވެސް ކަމެއް ނުކޮށްދެވޭނެކަމަށް ބައިޑަންވަނީ ވިދާޅުވެފައެވެ. ޔޫކްރެއިންގެ ޙާލަތު ވަރަށް އަވަހަށް ގޯސްވެދާނެކަމަށް ވިދާޅުވެ އޭނާވަނީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތާއި ކެނެޑާއާއި ރޮމޭނިޔާއާއި ޕޮލޭންޑާއި ވިލާތުގެ އިއްތިޙާދާއި ނޭޓޯގެ އިސްވެރިންނާ މަޝްވަރާކުރެއްވުމަށް ނިންމަވައިފައެވެ.

2014ވަނަ އަހަރުގެ ތެރޭގައި ޔޫކްރެއިންނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ކުރިމިޔާ ސަރަޙައްދުވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އޭގެ އިތުރުން ޔޫކްރެއިނުން ވަކިވެގަތުމަށް ހަނގުރާމަކުރަމުންދާ ޖަމާޢަތްތަކަށް ރަޝިޔާއިން މާލީ އަދި އަސްކަރީ އެހީތެރިކަމާއި ފޯރުކޮށްދެއެވެ.