ޚަބަރު

މޮސްކޯއިން މެޚްރޮންނާ ބައްދަލުކުރެއްވީ ތަފާތު ޕުޓިންނެއް


ޔޫކްރެއިންގެ މައްސަލާގައި މަޝްވަރާކުރެއްވުމަށް ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ވަޑައިގެންނެވުމުން ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިން ޢަމަލުކުރެއްވި ގޮތަށް ދުނިޔޭގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ފާއިތުވި ދުވަސްތަކުގައި ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރިއަށް ރަޝިޔާއިންވަނީ 100،000 ސިފައިންނާއި ބަރުހަތިޔާރު ޖަމާކޮށްފައެވެ. އެއާއެކު ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދޭން އުޅޭކަމަށް ބަލައި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައްވަނީ ތައްޔާރީ ޙާލަތަކަށް ގެނެސްފައެވެ. އަދި ޔޫކްރެއިންނާ އަވަށްޓެރި ޕޯލޭންޑާއި ރޮމޭނިޔާގައި މަރުކަޒުވެފައިވާ ނޭޓޯގެ ސިފައިންގެ ޢަދަދުވަނީ އިތުރުކޮށްފައެވެ. އޭގެ އިތުރުން އެމެރިކާއިންވަނީ އިތުރު 3،000 ސިފައިން ޖަރުމަންވިލާތަށް ފޮނުވައި ވިލާތުގެ އިރުމަތީ ބިތުގެ ޤައުމުތަކުގެ ދިފާޢު ވަރުގަދަކޮށްފައެވެ.

2014ވަނަ އަހަރުގެ ތެރޭގައި ރަޝިޔާއިންވަނީ ޔޫކްރެއިންނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ކުރިމިޔާ ސަރަޙައްދު ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. ނަމަވެސް މި ފަހަރު ރަޝިޔާއިން ބުނެފައިވަނީ ޔޫކްރެއިންނަށް ޙަމަލާ ދިނުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށާއި އެ ސަރަޙައްދަށް ސިފައިންނާއި ބަރުހަތިޔާރު ޖަމާކުރީ ޔޫކްރެއިންގައި އުފެދިފައިވާ ދާޚިލީ ހަމަނުޖެހުމުގެ ސަބަބުން ރަޝިޔާއަށް ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށްކަމަށެވެ. އަދި ނޭޓޯއިން ވިލާތުގެ އިރުމަތީ ބިތުގެ ޤައުމުތަކުގެ ދިފާޢު ވަރުގަދަކުރުމުން ރަަޝިޔާއިންވަނީ ބެލަރުސްގައި ވަރުގަދަ އަސްކަރީ ތަމުރީންތަކެއް ފަށައިފައެވެ.

ނޭޓޯއާއި ރަޝިޔާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ޙައްލުކުރުމަށް މޮސްކޯއަށް މެޚްރޮން ވަޑައިގެން ޕުޓިންނާވަނީ ބައްދަލުކުރައްވައިފައެވެ. އެއީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ދެ ބޭފުޅުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް މިފަހަރު މެޚްރޮންނާ ބައްދަލުކުރެއްވީ ތަފާތު ޕުޓިންނެކެވެ. އެ ބައްދަލުވުމުގެ މަޢުލޫމާތު އެނގޭ ފަރަންސޭސިވިލާތުގެ ޚާރިޖީ ވުޒާރައިގެ މުވައްޒަފުން ބުނެފައިވާ ގޮތުގައި ފަސް ގަޑިިއިރަށް ދިގުދެމިގެންދިޔަ ބައްދަލުވުމުގައި ދިގު މޭޒެއްގެ ކޮޅުގައި އިންނަވައި މޭޒުގެ އަނެއް ކޮޅުގައި އިންނެވި މެޚްރޮންނަށް ޕުޓިންވަނީ ގިނަ ޝަކުވާތަކެއް ހުށަހަޅުއްވައިފައެވެ. އެ ގޮތުން ޕުޓިން އެންމެ ބޮޑަށް ފާހަގަކުރެއްވީ ފިނި ހަނގުރާމައިގެ ދުވަސްވަރު ހުޅަނގުގެ ޤައުމުތަކުން ރަޝިޔާއާ ދޭތެރޭ ޢަމަލުކުރި ނޭދެވޭ ގޮތްތަކުގެ ޝަކުވާތަކެވެ. އަދި ޔޫކްރެއިންގެ މައްސަލައަށް އަލިއަޅުއްވާލައްވަން މެޚްރޮން މަސައްކަތްކުރެއްވި ނަމަވެސް އޭނާއަށް ފުރުޞަތު ނުދެއްވައި ޕުޓިންގެ ތާރީޚީ ފިލާވަޅައިގެން ކުރިޔަށްވަޑައިގެންނެވިކަމަށް އެ ބައްދަލުވުމުގެ ޔަޢުމިއްޔާތަކުން ދައްކައެވެ. އެ ގޮތުން 1997ވަނަ އަހަރުގެ ތެރޭގައި ވިލާތުގެ އިރުމަތީގައި އޮންނަ ތިން ޤައުމުކަމަށްވާ ޕޯލޭންޑާއި ހަންގޭރީއާއި ޗެކް ރިޕަބްލިކަށް ރަޝިޔާއާއެކު ވެފައިވާ އެއްބަސްވުންތަކާ ޚިލާފަށް ނޭޓޯގެ މެންބަރުކަން ދީފައިވާކަން ތަކުރާރުކޮށް ޕުޓިން ފާހަގަކުރެއްވިއެވެ.

ފަސް ގަޑިއިރުގެ ދިގު ބައްދަލުވުމުގައި އެންމެ ތަރުޖަމާނެއް ފިޔަވައި އިތުރު އެއްވެސް މީހަކު ބައިވެރިވެފައެއް ނުވެއެވެ. އަދި އެ ބައްދަލުވުމުގެ ކުރިންވެސް އަދި ފަހުންވެސް މެޚްރޮންނާ ސަލާންކުރައްވައި އެއްވެސް ގާތްކަމެއް ދެއްކެވުމަށް ޕުޓިންވަނީ އިންކާރުކުރައްވައިފައެވެ.

މޮސްކޯއިން ފުރައިވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން މެޚްރޮން ވިދާޅުވެފައިވަނީ ޞުލްޙަވެރިކަމާއެކު ޔޫކްރެއިންގެ މައްސަލަ ޙައްލުކުރުމުގެ ފުރުޞަތު އޮތްކަމަށް ޤަބޫލުކުރައްވާކަމަށާއި އޭނާގެ ދަތުރުފުޅުގެ ސަބަބުން އެ މައްސަލަ ޙައްލުވެފައިވާކަން ނިންމުން އަދި އަވަސްކަމަށެވެ.