ޚަބަރު

ޗައިނާގެ ނުރައްކަލާ ކުރިމަތިލާނެ ގޮތްތަކާމެދު ކުއަޑުން އެއްބަސްވުމަކަށް


އިންޑޯ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކަށް ޗައިނާއިން ދައްކަމުންދާ ބިރުވެރިކަމާއި ދެމުންދާ އިންޒާރުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށް އެމެރިކާއާއި އޮސްޓުރޭލިޔާއާއި ޖަޕާނާއި އިންޑިޔާއިން އެއްބަސްވެއްޖެއެވެ.

އޮސްޓުރޭލިޔާގެ މެލްބަންގައި އެމެރިކާއާއި އޮސްޓުރޭލިޔާއާއި ޖަޕާނާއި އިންޑިޔާގެ ޚާރިޖީ ވަޒީރުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ނިންމާފައިވަނީ އިންޑޯ ޕެސިފިކް ސަރަޙައްދުގައި އިތުރުވަމުންދާ ޗައިނާގެ އިޤްތިޞާދީ އަދި އަސްކަރީ ނުފޫޒާއި ބާރުވެރިކަމާއެކު ގުޅިގެން ކުރިމަތިލުމަށެވެ. އޭގެ އިތުރުން އެ ހަތަރު ޤައުމުންވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ހަނގުރާމަވެރި ޖަމާޢަތްތަކާއި ކުރިމަތިލުމަށާއި އިންޓަނެޓު މެދުވެރިކޮށް ދެމުންދާ ޙަމަލާތައް ހުއްޓުވުމަށާއި ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި ކަނޑުމަގުން ކުރަމުންދާ ވިޔަފާރީ ހުއްޓުމަކަށް އަޔަނުދީ މަސައްކަތްކުރުމަށް އެއްބަސްވެފައެވެ.

ކުއަޑުގެ ނަން ދީފައިވާ ހަތަރު ޤައުމުގެ ގުޅުމާބެހޭ ބައްދަލުވުން ފައްޓަވައިދެއްވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެންވަނީ ރަޝިޔާއާއި ޔޫކްރެއިންގެ މައްސަލައަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވައިފައެވެ. އެ ގޮތުން ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރިއަށް ރަޝިޔާގެ ގިނަ ޢަދަދެއްގެ ސިފައިންނާއި ބަރުހަތިޔާރު ޖަމާކުރުމަކީ ބިރުވެރިކަން އުފެދި ދުނިޔޭގެ ހަމަޖެހުމަށް އަސަރުކުރާނެކަމެއްކަމަށް ބުލިންކެންވަނީ ފާހަގަކުރައްވައިފައެވެ. އަދި ހުރިހާ ޤައުމެއްގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި އެމެރިކާ ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުން އޭނާވަނީ ދުނިޔޭގެ ކޮންމެ ސަރަޙައްދެއްގައި އޮތް ޤައުމަކަށްވި ނަމަވެސް އަމިއްލައަށް އެ ޤައުމެއްގެ ކުރިމަގު ބިނާކުރުމުގެ ފުރުޞަތު ދޭން ޖެހޭނެކަމަށެވެ.

ކުއަޑުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ބާއްވައިފައިވަނީ ތައިވާނާއި ޔޫކްރެއިންގެ މައްސަލާގައި ޗައިނާއާއި ރަޝިޔާއިން ގުޅިގެން މަސައްކަތްކުރުމަށް އެ ދެ ޤައުމުގެ އެންމެ އިސްވެރިން ވަޢުދުވެވަޑައިގެންފައިވަނިކޮށެވެ. އަންނަ މޭއި މަހުގެ ތެރޭގައި ކުއަޑުގެ އެންމެ އިސްވެރިންގެ ބައްދަލުވުމެއް ޖަޕާނުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި އެ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބައިވެރިވެވަޑައިގަންނަވާނެއެވެ. ފާއިތުވި ދުވަސްތަކުގައި ކުއަޑުގެ ޤައުމުތަކުންވަނީ އިންޑޯ ޕެސިފިކް ސަރަޙައްދުގައި އަސްކަރީ ތަމުރީންތައް ބޭއްވުން އިތުރުކޮށްފައެވެ.