ވިޔަފާރި

ވިޔަފާރި އުސޫލުން ބަކަރި ގެންގުޅޭ ޕްރޮގްރާމް


މިއަހަރު ރާއްޖޭގެ ރަށެއްގައި ވިޔަފާރި އުޞޫލުން ބަކަރި ގެންގުޅުމަށް ބޭނުންވާ ކޮށި ޤާއިމުކޮށްދެއްވައި، އެ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ބަކަރި ހޯއްދަވައިދެއްވުމަށް ހަމަޖެހިފައިވާކަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ހާމަކުރައްވައިފިއެވެ.ބަކަރި ގެންގުޅުމުގެ ޕްރޮގްރާމަށް އެދުމުގެ ފުރުޞަތު މިމަހުގެ 27 ގެ ނިޔަލަށް އެ މިނިސްޓްރީން ވަނީ ހުޅުވާލައްވާފައެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މި ޕްރޮގްރާމަކީ ސަރުކާރުން ކަނޑައަޅުއްވާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ތަކެތި އުފައްދައި، ކާނާގެ ބާވަތްތައް ލިބޭނެމަގު ތަނަވަސްކޮށްދީ ކާނާގެ ޔަޤީންކަން އިތުރެއްވުމުގެ ސިޔާސަތުގެ ދަށުން، ކުކުޅާއި ދިރޭ މާލު ގެންގުޅުމުގެ ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށް ހަމަޖެހިފައިވުމުން، މިކަމަށް ޚާއްޞަކުރައްވައިގެން ހިންގަވާ ޕްރޮގްރާމެއްކަމަށެވެ. މި ޕްރޮގްރާމް ހިންގާ ރަށުގެ ދަނޑުވެރިންނަށް ބަކަރި ގެންގުޅުމާގުޅޭ ފަންނީ މަޢުލޫމާތު ފޯރުކޮށްދީ، މީހުން ބިނާކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައިކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލް، އެރަށެއްގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތައް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވަނީ ހުޅުއްވާލައްވާފައެވެ. މިކަމަށް ޖަމްޢިއްޔާ ޖަމާޢަތްތަކުން އަދި ކޯޕަރޭޓިވްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އެރަށެއްގެ ރަށުކައުންސިލް މެދުވެރިކޮށެވެ. ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމް ހިންގާނޭ ރަށްތައް ކަނޑައެޅުއްވުމުގައި ބައްލަވާ ކަންތައްތަކުގެ ތެރޭގައި ކޮށި ޤާއިމުކުރުމަށް މީހުން އުޅޭ ހިސާބާއި ގާތްގަނޑަކަށް 100 މީޓަރު ދުރުން އެކަށީގެންވާވަރުގެ ބިމެއް އޮތުމާއި ބަކަރީގެ ކާނާގެ ގޮތުގައި ބޭނުން ކުރާނެ ފަތްޕިލާވެލީގެ ބާވްތައް ލިބެން ހުރި މިންވަރާއި، ރަށުގައި ދަނޑުވެރިކަން ކުރަމުންދާ މިންވަރާއި ޤާއިމުކޮށްދޭ ވަޞީލަތްތައް ބޭނުންކޮށްގެން މިމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުގެ ޤާބިލުކަން ހުރި މިންވަރު އަދި މިމަސައްކަތުގެ ސަބަބުން ރަށުގައި ޙަރަކާތްތެރިވާ ދަނޑުވެރިންނަށް ކުރާނެ ފައިދާ ހިމެނެއެވެ.