ކުޅިވަރު

އާސެނަލް ޕްރިމިއަރ ލީގު ތާވަލްގެ ފަސްވައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް ބަލިކޮށް އާސެނަލްއިން ލީގުގެ 5 ވަނަ މަގާމަށް ޖެހިލައިފިއެވެ. ރަށުންބޭރުގައި ކުޅުނު މެޗު އާސެނަލް ކާމިޔާބުކުރީ 1-0 ލަނޑުންނެވެ.

އާސެނަލްއިން ވުލްވްސް ދަނޑުގައި ޖެހި ހަމައެކަނި ގޯލަކީ މެޗުގެ 25 ވަނަ މިނިޓްގައި ގެބްރިއެލް މަގާޅައެސް ޖެހި ގޯލެވެ. އޭރިއާތެރެއިން ވުލްވްސްގެ ކީޕަރު ހޯސޭ ސާ އަށް ލިބުމުގެ ކުރިން އަލެކްސަންޑަ ލަކަޒޭޓް ޖައްސާލި ބޯޅަ މަގާޅައެސް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައި މެޗުގެގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ކާމިޔާބުކޮށްފައެވެ.

އާސެނަލުން މި މެޗުގެ ފަހު ވިއްސަކަށް މިނެޓް ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. އެއީ ފުލުފުލުގައި އެއް ވަގުތެއްގައި އާސެނަލްގެ ގަބްރިއެލް މާޓިނެލީ ކުރި ދެ ފައުލްއަކާއި ގުޅިގެން ދެ ރީނދޫ ކާޑު ދައްކައި ރަތް ކާޑެއް ދެއްކުމުންނެވެ. ވުލްވްސްގެ އެޓޭކެއް ހުއްޓުވަން މާޓިނެލީ ކުރި ދެ ފައުލަކަށް އޭނާ އަށް ދައްކަން ޖެހޭނީ އެއް ރީނދޫ ކާޑު ކަމަށް ބުނެ، އާސެނަލް ކުޅުންތެރިން އެޕީލް ކުރި ނަމަވެސް ރޭގެ މެޗުގެ ރެފްރީ މައިކަލް އޮލިވާ ވަނީ އޭނާގެ ނިންމުން ބަދަލުނުކޮށް ގަބްރިއެލް މާޓިނެލީއަށް ދެ ރިނދޫކާދު ދައްކާފައެވެ.

އެއް ކުޅުންތެރިއަކު މަދުކޮށްވެސް 1-0ގެ ނަތީޖާގައި ހިފަހައްޓައި އާސެނަލް މޮޅުވިއިރު، މިއީ 2022 ވަނަ އަހަރުގައި އާސެނަލްއިން ހޯދި ފުރަތަމަ މޮޅެވެ.
ޕްރިމިއަރ ލީގު ތާވަލަށް ބަލާއިރު ސިޓީ އެއް ވަނައިގައި އޮތީ 24 މެޗުން 60 ޕޮއިންޓާ އެކުގައެވެ. ލިވަޕޫލް ދެ ވަނަ މަގާމުގައި އޮތީ 23 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޗެލްސީ 24 މެޗުން 47 ޕޮއިންތާއެކު އޮތް އިރު ހަތަރުވަނައިގައި، ވެސްޓް ހޭމް ޔުނައިޓެޑް އޮތީ 24 މެޗުން 40 ޕޮއިންޓާއެކުގައެވެ. އާސެނަލް ފަސް ވަނަ އަށް އެރީ ހަ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ އެއްވަރަށް 39 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑުން އެ އަދަދަށް ޕޮއިންޓް ހަމަކުރީ 23 މެޗު ކުޅެގެންނެވެ. އާސެނަލުން ކުޅުނީ 22 މެޗެވެ.