އިންގްލިޝް ޕްރިމިއަރ ލީގުގައި ލެސްޓަރ ސިޓީ ބަލިކޮށް ލިވަޕޫލްއިން ތާވަލްގެ އެއްވަނައިގައިވާ މެންޗެސްޓަރ ސިޓީއާ ދެމެދުގައިވާ ފަރަގު 9 ޕޮއިންޓަށް ކުޑަކޮށްފިއެވެ. އިންގްލިޝް ޕްރިމިއަރ ލީގުގައި ލެސްޓަރ ސިޓީއާ ވާދަކުރިމެޗު ލިވަރޕޫލުން ކާމިޔާބުކުރީ 2 ލަނޑު 0 ލަނޑުންނެވެ.
ލިވަޕޫލުން ރޭގެ މެޗަށް ނުކުތްއިރު އެޓީމުގެ ކޯޗު ޔާގެން ކްލޮޕް ވަނީ ޖެނުއަރީ ޓްރާންސްފާގައި އެ ޓީމަށް ގެނައި ކޮލަމްބިއާ ފޯވާޑް ލުއިސް ޑިއާޒަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ. އަދި މެޗުގައި ގޯލު ޖަހަން ފުރަތަމަ ފުރުސަތު ވެސް ޑިއާޒަށް ލިބުނު ނަމަވެސް، އެ ފުރުޞަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތެއްނުވިއެވެ. މެޗުގައި ލެސްޓާ ސިޓީ އަށް ލީޑުނަގައިދޭން ޖޭމްސް މެޑިސަން އަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާލި ނަމަވެސް ލިވަޕޫލްގެ ގޯލުގައި ހުރި އެލިސަން ބެކާ ވަނީ އެ ބޯޅަ ދިފާޢުކޮށްފައެވެ.
ފުރަތަމަ ހާފު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް، މެޗުގެ 35 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ ޑިއޭގޯ ޖޮޓާއެވެ. އަލެކްސެންޑަ އާނޯލްޑް ނެގި ކޯނަރެއް ވާޖިލް ވެން ޑައިކް ބޮލުން ފޮނުވާލުމުން ލެސްޓާ ކީޕަރު ކެސްޕާ ޝްމައިކަލް އަތުގައި ޖެހިފައި ނުކުތް ވަގުތު ޖޮޓާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާ ލިވަރޕޫލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ.
ލިވަޕޫލުން ދެ ވަނަ ހާފް ފަށައިގެން ލީޑު ފުޅާކުރަން ކުރި މަސައްކަތަށް ހުރަސް އަޅަމުންދިޔައީ ލެސްޓާ ގޯލުގައި ރޭ މޮޅުކުޅުމެއް ދެއްކި ކީޕަރު ޝްމައިކަލްއެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ފަހު ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ސަލާ ފޮނުވާލި ދެ ހަމަލާ އާއި ޑިއާޒް ގޯލަށް އަމާޒުކޮށްފޮނުވާލި ބޯޅަތައް ލެސްޓަރގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައެވެ.
ލިވަޕޫލުން މެޗްގައި ޖެހި ދެ ވަނަ ގޯލު ޖެހީ މެޗުގެ 84 ވަނަ މިނިޓްގައި ޑިއޭގޯ ޖޮޓާއެވެ. އޭރިއާތެރެއިން ޖޮއެލް މަޓިޕް ޖައްސާލި ބޯޅަ ޖޮޓާ ވަނީ ކީޕަރު ޝްމައިކަލް އަތުގައި ޖައްސާފައި ގޯލަށް ފޮނުވާލައިފައެވެ. ޖޮޓާ ވަނީ ލެސްޓާ ކޮޅަށް އޭނާގެ ކެރިއަރުގައި ޖުމްލަ އަށް ގޯލު ޖަހައިފައެވެ. މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ޖޮޓާ ވަނީ ހުރިހާ މުބާރާތެއްގައި 17 ގޯލު ޖަހައިފައެވެ.
ރޭގެ މެޗާއެކު ލިވަޕޫލް ލީގު ތާވަލްގެ ދެ ވަނަ މަގާމުގައި އޮތީ 23 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ.