ވިޔަފާރި

ހުޅުމާލެ ފޭސް 1ގައި އިތުރު ޕެޓްރޯލް ޝެޑެއް ހެދުމަށް އެޗްޑީސީން ހުޅުވާލައިފި


ހުޅުމާލޭގައި ޕެޓްރޯލް ޝެޑެއް ހެދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އިއުލާންކޮށްފިއެވެ. މިތަން ހަދަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ސަރަހައްދުގައެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ މުނިސިޕަލް ސަރވިސް އޮޕަރޭޝަން ސަރަހައްދުގައި ޕެޓްރޯލް ޝެޑެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާކަމަށެވެ.

ޕެޓްރޯލް ޝެޑުު ހެދުމަށް ހުޅުވާލާފައި ވަނީ 100 އިންސައްތަ ދިވެހި ކުންފުނިތަކަށެވެ. އެޗްޑީސީން ބުނީ މި ޕެޓްރޯލް ޝެޑް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 2 ގެ ކުރިން ބިޑް ހުށަހަޅަން ޖެހޭނެކަމަށެވެ. ޕްރީ ބިޑް ބައްދަލުވުން އޮންނާނީ މިމަހުގެ 17 ގައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް ޕެޓްރޯލް ޝެޑެއް ހަދާނެ ބަޔަކު ހޯދަން އެޗްޑީސީން މިދިޔަ މަހު އިއުލާނުކޮށްފައިވެއެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މި ވަގުތު ދެ ސަރަހައްދެއްގައި ޕެޑްރޯލް ޝެޑް ހިންގައެވެ. އެއީ އެފްއެސްއެމްއާއި ވިލާގެ ޕެޓްރޯލް ޝެޑްތަކެކެވެ.