ކުޅިވަރު

ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގައި ބެންޒިމާ ފެނުމުގެ ފުރުޞަތު ކުޑަ


ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރިމް ބެންޒެމާ އަށް މި ހަފްތާގައި ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވުމުގެ ބިރު އެބައޮތް ކަމަށް މިޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ މަހު ސްޕެނިޝް ލީގުގައި އެލްޗޭއާ ދެކޮޅަށް ރެއާލުން ކުޅުނު މެޗުގައި އުމުރުން 34 އަހަރުގެ ބެންޒެމާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ހުރީ ކުޅުމާ ދުރުގައެވެ.

ސްޕެނިޝް ކަޕްގައި އެތުލެޓިކް ބިލްބާއޯ އަތުން ބަލިވެ، ރެއާލް ކެޓި މެޗުގައި އަނިޔާގެ ސަބަބުން ބެންޒެމާ އަށް ނުކުޅެވުނެވެ. ކުރިން ބެލެވުނީ ރެއާލުން ޗެމްޕިއަންސް ލީގުގައި އަންނަ އަންގާރަ ދުވަހުގެރޭ ޕީއެސްޖީއާ ކުޅޭ މެޗަށް ބެންޒެމާ ފިޓްވާނެ ކަމަށެވެ. އެހެންނަމަވެސް އެ ފުރުސަތު ވަރަށް ހަނިކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ފްރާންސްގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި ބެންޒެމާގެ ރިކަވަރީގެ ކަންތައްތައް ލަސްވާތީ ރެއާލްގެ މެޑިކަލް ޓީމުން ވަނީ އެކަން ކޯޗުގެ ސަމާލުކަމަށް ގެނެސްފައެވެ. ބެންޒެމާގެ ރިހެބިލިޓޭޝަންގެ ކަންކަން މި ވަގުތު ކުރިއަށްދާ ދުވެއްޔަށް ބަލާއިރު، ޕީއެސްޖީ މެޗު އޭނާ އަށް ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް ރެއާލްގެ މެޑިކަލް ޓީމުން ވަނީ އަންޗެލޮޓީ ގާތުގައި ބުނެފައެވެ.
ދާދި ފަހުން ރެއާލްގެ ޓްރެއިނިންގައި ބެންޒެމާ ބައިވެރިވާން ފެށި ނަމަވެސް ބެންޒިމާގެ ޓްރެއިނިންގ ކުރިއަށް ގެންދަނީ ވަކިންނެވެ. މުޅިޓީމު އެއްކޮށް ކުރިޔަށްގެންދާ ޓްރެއިނިންގައި ބައިވެރިވާން ބެންޒެމާ އަށް ދުވަސްކޮޅެއް ނަގާނެއެވެ.

ސްޕެނިޝް ލީގުގައި މި ހަފްތާގައި ވިޔަރެއާލާ ދެކޮޅަށް ރެއާލުން ކުޅޭ މެޗުގައި ބެންޒެމާއަށް ނުކުޅެވޭނެއެވެ. ބެންޒެމާ ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 28 މެޗުން 24 ގޯލު ޖަހައިފައެވެ. އަދި ނުވަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.