ކުޅިވަރު

ގިނަ ދުވަސްތަކަކަށްފަހު އެރިކްސަން ކުޅުމުގެ ތެރެއަށް


8 މަސް ފަހުން އެނބުރި ފުޓްބޯޅަ އަށް އާދެވޭގޮތްވީ އެތައް ޑޮކްޓަރުންނަކަށް ދައްކައި ހުއްދަ ހޯދުމަށް ފަހު ކަމަށް ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ބުނެފިއެވެ. މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ހާޓްއެޓޭކެއް ޖެހިގެން ކްރިސްޓިއަން އެރިކްސަން ދަނޑުން ބާލަން ޖެހުނެވެ.

އެރިކްސަން ވަނީ މިދިޔަ މަހުގެ ޓްރާންސްފާގައި ހަ މަހުގެ ކޮންޓްރެކްޓެއްގައި އިނގިރޭސި ޕްރިމިއާ ލީގުގެ ބްރެންޓްފޯޑަށް ސޮއިކޮށްފައެވެ.
ޔޫރޯގައި ފިންލެންޑާ ދެކޮޅަށް ކުޅެނިކޮށް އެރިކްސަން އަށް ހިތުގެ މައްސަލަ ދިމާވި ފަހުން އޭނާ މިހާތަނަށް ވާދަވެރި މެޗެއް ކުޅެފައެއް ނުވެއެވެ. ހިތުގެ މައްސަލަ އަށް ހައްލެއް ހޯދަން، އެރިކްސަން ވަނީ ހިތަށް އައިސީޑީއެއް ވެސް ލައްވައިފައެވެ. އައިސީޑީ ލައްވައިގެން އެރިކްސަން އަށް އިޓަލީގައި ނުކުޅެވޭނެތީ އެ ކްލަބުން އޭނާ ކޮންޓްރެކްޓް އުވާލިއެވެ. އޭގެ ފަހުން އެރިކްސަން އައީ އަލުން ފުޓްބޯޅަ ކުޅެން އޭނާއަށް ނުކުމެވޭނެ ކަމުގެ ޔަގީންކަން ހޯދުމަށް އެކި ޑޮކްޓަރުންނަށް ދައްކަމުންނެވެ.

އެރިކްސަން އަށް ކުޅުމުގެ ހުއްދަ ލިބުނީ ހާއްސަ މެޑިކަލް ޓެސްޓްތަކަކުން ފާސްވެގެންނެވެ. އެރިކްސަންގެ މެޑިކަލް ޓެސްޓްތައް ޕްރިމިއާ ލީގުން ވެސް ވަނީ ގިނަ ޑޮކްޓަރުންނަށް ދައްކައި ލަފާ ހޯދައިފައެވެ. މިހާރު އޮތްގޮތުން، އެރިކްސަން އަކީ އައިސީޑީ ލައްވައިގެން ޕްރިމިއާ ލީގުގައި ކުޅޭނެ ފުރަތަމަ ކުޅުންތެރިޔާއެވެ.
ފާއިތުވި އަށް މަހެއްހާ ދުވަހު ޕްރޮފެޝަނަލް ފުޓްބޯޅަ އަށް އޭނާ އަށް އެނބުރި އާދެވިދާނެތޯ އަމިއްލަ ސިކުނޑީގައި އުފެދިފައިވާ ސުވާލާ ހެދި އެރިކްސަން އަށް ގިނަ ނަފްސާނީ އުނދަގޫތަކެއް ވެސް ކުރިމަތިވިއެވެ.

އެހެންނަމަވެސް ބްރެންޓްފޯޑަށް ސޮއިކޮށް އެ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވެވޭތީ މިހާރު މަޑުމަޑުން ކުރިއެކޭ އެއްގޮތަށް ފުޓުބޯޅަ އާއިލާއާއެކު އުޅެވޭނެކަމުގެ އިހުސާސް ކުރެވެމުން އަންނަ ކަމަށް އެރިކްސަން ވަނީ ބުނެފައެވެ.

ބްރެންޓްފޯޑްގެ ކޯޗު ބުނެފައިވަނީ އެރިކްސަންއަކީ އެ ކްލަބްގެ ތާރީހުގައި ބްރެންޓްފޯޑާއި ގުޅުނު އެންމެ މަޝްހޫރު ކުޅުންތެރިޔާ ކަމަށެވެ. ބްރެންޓްފޯޑުން މި ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭއިރު، މިއީ ފާއިތުވި 74 އަހަރު ތެރޭ އެ ޓީމުން އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި އެރިކްސަން، ބްރެންޓްފޯޑާ ގުޅުނު ނަމަވެސް ފްރޭންކް ބުނީ އަވަސް އަރުވާލައިގެން މެޗުތަކަށް އެރިކްސަން ނުނެރޭނެ ކަމަށެވެ.

ކްލަބް ލެވަލްގައި ރަނގަޅު ކުޅުމެއް ދައްކައި، އެރިކްސަން ހުރީ މި އަހަރު ނޮވެމްބަރާއި ޑިސެމްބަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ޑެންމާކް ޓީމަށް ކުޅުމުގެ އުންމީދުގައެވެ.