ޚަބަރު

ޗާލްސަށް ދެވަނަ ފަހަރަށް ކޯވިޑް-19 ޖެހިއްޖެ


އިނގިރޭސިވިލާތުގެ ވަލީއަހުދު ޗާލްސަށް ދެވަނަ ފަހަރަށް ކޯވިޑް-19 ޖެހިއްޖެއެވެ.

އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރުން ބުނެފައިވަނީ ޗާލްސަށް ބަލިޖެހުނުކަން ކަށަވަރުވުމާއެކު އޭނާ އަމިއްލައަށް އެކަހެރިވެވަޑައިގެންފައިވާކަމަށާއި ދާދިފަހުން އޭނާވަނީ ރަސްމީ ޙަފުލާތަކެއްގައި ބައިވެރިވެވަޑައިގެންފައިވާކަމަށެވެ. ޗާލްސަށް ބަލިޖެހުނުކަން ކަށަވަރުވުމުގެ ކުރިން އޭނާވަނީ މަންމާފުޅު އެލިޒަބެތާ ބައްދަލުވެފައިވާކަމަށްވެސް ޝާހީ ގަނޑުވަރުންވަނީ ބުނެފައެވެ. ނަމަވެސް ރާނީ އެލިޒަބެތުގެ ޙާލަކޮޅު ރަނގަޅުކަމަށާއި ބަލީގެ އެއްވެސް ޢަލާމާތެއް ނުފެންނަކަމަށް ޝާހީ ގަނޑުވަރުން ބުނެފައިވެއެވެ.

މީގެ އަހަރެއް ކުރިން ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯސް ޢުމުރުފުޅުން 95 އަހަރުގެ ރާނީ އެލިޒަބެތު ޖެއްސެވިކަމަށް ބުނެ ޝާހީ ގަނޑުވަރުންވަނީ ޢާއްމުން ވެކްސިންގެ ޑޯސްތައް ފުރިހަމަކުރުމަށް ބާރުއަޅައިފައެވެ. ނަމަވެސް ވެކްސިންގެ ދެވަނަ ޑޯސެއް ރާނީ އެލިޒަބެތު ޖެއްސެވިކަމެއް ޝާހީ ގަނޑުވަރުން ޔަޤީންކޮށްދީފައެއް ނުވެއެވެ. އެ ކަމުގައި ޝާހީ ގަނޑުވަރުން ބުނެފައިވަނީ ރާނީ އެލިޒަބެތުގެ ޒާތީ އެއްވެސް މަޢުލޫމާތެއް ޢާއްމުކުރުމަކީ އުޞޫލާ ޚިލާފުކަމެއްކަމަށެވެ.

ޢުމުރުފުޅުން 73 އަހަރުގެ ޗާލްސަށް އެންމެ ފުރަތަމަ ކޯވިޑް-19 ޖެހިފައިވަނީ 2020ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އޭގެ ދުވަސްކޮޅެއްފަހުން އޭނާގެ ދަރިކަލުން ވިލިއަމަށްވެސްވަނީ ބަލިޖެހިފައެވެ. މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ޗާލްސްއާއި އޭނާގެ އަނބިކަނބަލުން ކެމީލިޔާވަނީ ކޯވިޑް-19ގެ ވެކްސިންގެ ތިންވަނަ ޑޯސް ނުވަތަ ބޫސްޓަރު ޑޯސް ޖައްސަވައިފައެވެ.