ވިޔަފާރި

މިދިޔަ އަހަރަކީ އެމް.ޓީ.ސީ.ސީގެ އެންމެ ކާމިޔާބު އަހަރު- ސީއީއޯ


އެމް.ޓީ.ސީ.ސީގެ ޚިދުމަތަށް ތިރީސް ފަސް އަހަރު ފުރުނު އިރު ވޭތުވެދިޔަ އަހަރަކީ ކުންފުނީގެ ވިޔަފާރީގައި އެންމެ ކާމިޔާބު އަހަރުކަމަށް އެ ކުންފުނީގެ ސިީ.އީ.އޯ އިބްރާޙިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.އެމްޓީސީސީގެ ސީއީއޯ މިހެން ވިދާޅުވީ އެކުންފުނީގެ ތިރީސް ފަސްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.އެމްޓީ.ސީ.ސީގެ ސީ.އީ.އޯ  އިބްރާޙިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، އެ ކުންފުންޏަށް ދެހާސް ނުވަވަނަ އަހަރުން ފެށިގެން ދެހާސް އެގާރަވަނަ އަހަރާއި ދެމެދު ގެއްލުންވި ކަމަށާއި، ނަމަވެސް ދެހާސް ތޭރަވަނަ އަހަރުން ފެށިގެން، ސަރުކާރުން ލިބުނު އެއްބާރުލުމުގެ ސަބަބުން އެ ކުންފުންޏަށް ބޮޑެތި މަޝްރޫޢުތައް ލިބި، ކުންފުނި ކުރިއަރާފައިވާކަމަށެވެ.އެގޮތުން މިދިޔަ އަހަރު އެކުންފުންޏަށް 8.16 މިލިޔަން ރުފިޔާ ސާފުފައިދާގެ ގޮތުގައި ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ފައިދާ ކުރިއަށް އޮތް އަހަރުތަކުގައި އިތުރުވާނެކަމަށްވެސް ސީ.އީ.އޯ ވިދާޅުވިއެވެ.މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ، ވާހަަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖެ ޢުމްރާނީ ގޮތުން ތަރައްޤީވެެގެން ދިޔުމުގައި އެމް.ޓީ.ސީ.ސީގެ ދައުރު ވަރަށްބޮޑުކަމަށެވެ. އަދި  މިދިޔަ ދެ އަަހަރު ދުވަހުގެ ތެރޭ އެމް.ޓީ.ސީ.ސީން ކުރަމުންދާ ބުރަ މަސައްކަތްތަކާއި ހޯދަމުންދާ ކާމިޔާބީ ފާހަގަކޮށް އެކަމަށް މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ.މިރޭ ބޭއްވި އެމްޓީސީސީގެ އަހަރީ ހަފްލާގައި އެކުންފުނީގެ ތިން މުވައްޒަފަކު ކޮންމެ އަހަރަކުވެސް ޙައްޖަށް ފޮނުވާނެކަން ވަނީ އިޢުލާންކުރައްވާފައެވެ. އަދި އެމް.ޓީ.ސީ.ސީއަށް އެކި ގޮތްގޮތުން ޚިދުމަތްކުރެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާދީފައިވެވެ. މީގެ އިތުރުން އެ ކުންފުނީގެ އާ އޮފިޝަލް ވެބްސައިޓްވެސް މިރޭގެ ހަފްލާގައި ވަނީ އިފްތިތާހުކޮށްފައެވެ.