ޚަބަރު

އުތުރު ކޮރެޔާގެ މިސައިލްތަކާ ކުރިމަތިލާނެ ގޮތަކާމެދު މަޝްވަރާކޮށްފި


އުތުރު ކޮރެޔާއިން އުފައްދަމުންދާ ޒަމާނީ މިސައިލުތަކާ ކުރިމަތިލާނެ ގޮތަކާމެދު އެމެރިކާއާއި ދެކުނު ކޮރެޔާއާއި ޖަޕާނުން މަޝްވަރާކޮށްފިއެވެ.

މި އަހަރުގެ ތެރޭގައި އުތުރު ކޮރެޔާއިންވަނީ ރެކޯޑު ޢަދަދެއްގެ މިސައިލުތަކެއް ތަޖުރިބާކޮށްފައެވެ. އޭގެ ތެރޭގައި އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލެއްވެސް ހިމެނެއެވެ.

އުތުރު ކޮރެޔާގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތެރިކަމާމެދު އެމެރިކާއާއި ދެކުނު ކޮރެޔާއާއި ޖަޕާނުގެ ދިފާޢީ ވަޒީރުން ކުރެއްވި މަޝްވަރާތަކަށްފަހު އެމެރިކާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުތުރު ކޮރެޔާއިން ޢަމަލުކުރަނީ އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ޚިލާފަށްކަމަށާއި އެ ޤައުމުން އުފައްދަމުންދާ މިސައިލުތަކުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމަށް އަސަރުކޮށްފައިވާކަމަށެވެ.

ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ އުތުރު ކޮރެޔާގެ ޢަމަލުތަކުގެ ސަބަބުން ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާކަމަށާއި އެ ޤައުމާ ކުރިމަތިލާނެ ގޮތަކާމެދު އެމެރިކާއާއި ޖަޕާނާއެކު މަޝްވަރާކޮށްފައިވާކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އެމެރިކާއާއި ދެކުނު ކޮރެޔާއާއި ޖަޕާނުގެ ދިފާޢީ ވަޒީރުންގެ މެދުގައި ސީދާ މަޝްވަރާތަކެއް ކުރުމަށް ނިންމާފައިވާކަމަށްވެސް އެ ޤައުމުން ބުނެފައިވެއެވެ.

އެމެރިކާއާއި ދެކުނު ކޮރެޔާއާއި ޖަޕާނުން މަޝްވަރާތަކެއް ބާއްވާފައިވަނީ އުތުރު ކޮރެޔާގެ މިސައިލުތަކާމެދު އެ ޤައުމުން ފަޚުރުވެރިވާކަމަށް ބުނެ ބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ. އެ ބަޔާނުގައި އުތުރު ކޮރެޔާއިން ބުނެފައިވަނީ އެ ޤައުމަކީ ދުނިޔޭގައި ނިޔުކްލިޔަރ ހަތިޔާރާއި ދިގު ރާސްތާގެ ޒަމާނީ މިސައިލުތައް އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަމަށާއި އެމެރިކާއާ ކުރިމަތިލާން ތައްޔާރަށް އޮތް ހަމައެކަނި ޤައުމުކަމަށް ބުނެފައެވެ.