ލީބިޔާގެ ބޮޑުވަޒީރު ޢަބްދުލް ޙަމީދު ދަބީބާ އަވަހާރަކޮށްލަން ދިން ޙަމަލާއަކުން އޭނާ ސަލާމަތްވެވަޑައިގެންފިއެވެ.
ލީބިޔާގެ ސަރުކާރުން ބުނެފައިވަނީ ހަތިޔާރުއެޅި ބަޔަކު ދަބީބާ ދަތުރުކުރެއްވި ކާރަށް ބަޑިން ޙަމަލާ ދީފައިވާކަމަށާއި އެ ޙަމަލާއިން އޭނާ ސަލާމަތްވެވަޑައިގެންފައިވާކަމަށެވެ. އަދި ޙަމަލާ ދިން މީހުން ފިލާފައިވާކަމަށާއި އެ ޙަމަލާ ތަޙްޤީޤުކުރަމުންދާކަމަށްވެސް ލީބިޔާގެ ސަރުކާރުން ބުނެފައިވެއެވެ.
ހަ އަހަރުދުވަހުގެ ދާޚިލީ ހަނގުރާމައަކަށްފަހު ލީބިޔާގައި ޢާއްމު އިންތިޚާބެއް ބާއްވާނެ ގޮތަކާމެދު ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި ދަބީބާ އަވަހާރަކޮށްލަން ޙަމަލާއެއް ދިނުމުން އެ ޤައުމުގެ ސިޔާސީ ކުރިމަގަށް އަންނާނެ ބަދަލުތަކެއްވަނީ ނޭނގުމެއްގެ ތެރޭގައެވެ. އެ ޙަމަލާގެ ސަބަބުން އިތުރު ހަމަނުޖެހުންތަކެއް ފެށުމުގެ ބިރުވެރިކަން އޮތްކަމަށް ސިޔާސީ ތަޖުރިބާކާރުންވަނީ ލަފާކޮށްފައެވެ. އަދި އަންނަ ޑިސެންބަރު މަހަށް ތާވާލުކޮށްފައިވާ ޢާއްމު އިންތިޚާބު ބޭއްވޭނެކަމާމެދުވަނީ ސުވާލުއުފެދިފައެވެ.
2011ވަނަ އަހަރުގެ ތެރޭގައި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިން ދިން ޙަމަލާއެއްގައި ލީބިޔާގެ ޒަޢީމު ކާނަލް މުޢައްމަރުލް ޤައްޒާފީ އަވަހާރަވުމުން އެ ޤައުމުވަނީ ބޮޑު ދާޚިލީ ހަމަނުޖެހުމަކަށް ވެއްޓިފައެވެ. އެއާއެކު އެ ޤައުމުގެ ދެ ސަރަޙައްދެއްގައިވަނީ ދެ ސަރުކާރެއް ޤާއިމުކޮށްފައެވެ. އެ ގޮތުން އދއާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތާޢީދު އޮންނަނީ ދަބީބާގެ ސަރުކާރަށެވެ. ނަމަވެސް އެ ޤައުމުގެ ޤާނޫނޫހަދާ މަޖިލީހުގައި އެންމެ ބޮޑު ބާރަކާއި ނުފޫޒެއް އޮންނަނީ އެ ޤައުމުގެ އިރުމަތީގައި އެކުލަވާލާފައިވާ ސަރުކާރަށެވެ.