ޚަބަރު

ޢައްބާހަށްފަހު ވެރިކަމާ ޙަވާލުވާނެ ފަރާތެއް އަދިވެސް ނޭނގުމެއްގެ ތެރޭގައި


ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސަށްފަހު އެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނެ ބޭފުޅަކާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ފަލަސްޠީނިޔަން ލިބަރޭޝަން އޯގަނައިޒޭޝަން، ޕީއެލްއޯގެ އެންމެ އިސް ދެ މަޤާމަށް ޢައްބާސްގެ އެންމެ އަރިސް ދެ ބޭފުޅުން ހަމަޖައްސައިފިއެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ފަލަސްޠީނުގެ ރައްޔިތުން ތަމުޞީލުކުރާ ޖަމާޢަތްކަމަށްވާ ޕީއެލްއޯގެ ސެންޓުރަލް ކައުންސިލުގެ ބައްދަލުވުމެއްގައި ޢުމުރުފުޅުން 61 އަހަރުގެ ޙުސައިން އާލްޝޭޚުވަނީ ޕީއެލްއޯގެ އެގްޒަކަޓިވު ކޮމިޓީއަށް ޢައްޔަންކޮށްފައެވެ. ބެލެވޭ ގޮތުގައި އޭނާ ހަވާލުވެވަޑައިގަންނަވާނީ އެގްޒަކަޓިވު ކޮމިޓީގެ ސެކެޓުރީ ޖެނެރަލްގެ މަޤާމާއެވެ. އެ މަޤާމު ކުރިން ފުރުއްވީ 2020ވަނަ އަހަރުގެ ތެރޭގައި އަވަހާރަވި ޞާއިބު ޢުރައިޤާތެވެ. 141 މެންބަރުން ހިމެނޭ ޕީއެލްއޯގެ ސެންޓުރަލް ކައުންސިލުންވަނީ ޢުމުރުފުޅުން 73 އަހަރުގެ ރޫޙީ ފަތޫޙްވަނީ ޕީއެލްއޯގެ ނޭޝަނަލް ކައުންސިލުގެ އެންމެ އިސްވެރިޔާގެ މަޤާމަށް ޢައްޔަންކޮށްފައެވެ. އެއީ ޕީއެލްއޯގެ ފަރާތުން އެންމެ ބޮޑެތި ނިންމުންތައް ނިންމަން ޚާއްޞަކޮށްފައިވާ ކައުންސިލެވެ. އެ މަޤާމުތަކަށް އާލްޝޭޚަށާއި ފަތޫޙް ޢައްޔަންކުރުމަށް ހުށަހަޅާފައިވަނީ ޢައްބާސް ނިޞްބަތްވަޑައިގަންނަވާ ފަޠަޙަ ޖަމާޢަތުންނެވެ.

ހަތަރު އަހަރުފަހުން ސެންޓުރަލް ކައުންސިލުގެ ބައްދަލުވުމެއް ބާއްވައި އެ ޖަމާޢަތުގެ އެންމެ އިސް ދެ މަޤާމަށް ބޭފުޅުން ޢައްޔަންކުރި ނަމަވެސް ޕީއެލްއޯގެ ސިޔާސަތުތަކަކަށް ބަދަލުތަކެއް އަންނާނެކަމަކަށް ނުބެލެވެއެވެ. އަދި ޕީއެލްއޯގެ އެންމެ އިސް ދެ މަޤާމަށް އާލްޝޭޚަށާއި ފަތޫޙް ޢައްޔަންކުރުންވެގެންދާނީ ހުޅަނގުގެ ތާޢީދު އޮންނަ ޢައްބާހަށްފަހު ފަލަސްޠީނުގެ އެންމެ އިސްވެރިޔާގެ މަޤާމަށް ވާދަކުރައްވާނެ ބޭފުޅުންގެ މެދުގައި ވާދަވެރިކަން އިތުރުވާނެކަމަކަށެވެ. ތަފާތު ހިތުގެ ބަލިތަކަށް ފަރުވާ ހޯއްދަވަމުންދާ ޢުމުރުފުޅުން 86 އަހަރުގެ ޢައްބާހަށްފަހު ފަލަސްޠީނުގެ ރައީސްގެ މަޤާމަށް ވަޑައިގަންނަވާނެ ބޭފުޅަކު އޭނާ ކަނޑައެޅިގެން ވިދާޅުވެފައެއް ނުވެއެވެ.

ޕީއެލްއޯގެ ސެންޓުރަލް ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ވާދަވެރި ޙަމާސް ޖަމާޢަތާއި އިސްލާމިކް ޖިހާދަށްވެސް ދަޢުވަތު ދިނެވެ. ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވުމަށް ދެކޮޅު ހަދައި އެ ދެ ޖަމާޢަތުން ބުނެފައިވަނީ އެންމެ ފުރަތަމަ ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށެވެ.

ފަލަސްޠީނުގައި އެންމެ ފަހުން ރިޔާސީ އިންތިޚާބެއް ބާއްވާފައިވަނީ 2005ވަނަ އަހަރުގެ ތެރޭގައެވެ. އެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ފަޠަޙަ ޖަމާޢަތުން ވާދަކުރެއްވި ޢައްބާހެވެ. އަދި ފަލަސްޠީނުގައި އެންމެ ފަހުން ޢާއްމު އިންތިޚާބެއް ބާއްވާފައިވަނީ 2006ވަނަ އަހަރުގެ ތެރޭގައެވެ. އެ އިންތިޚާބު ޙަމާސުން ކާމިޔާބުކުރި ނަމަވެސް ޢައްބާސްވަނީ އެ ޖަމާޢަތަށް ބާރުތައް ޙަވާލުކުރައްވަން ދެކޮޅުހައްދަވައިފައެވެ. އަދި ނިންމުމަށް އެމެރިކާއާއި އިސްރާއީލުންވަނީ ތާޢީދުކޮށްފައެވެ. ރައްދުގައި ޙަމާސުންވަނީ ފަލަސްޠީނުގެ ބިންތަކާ ވަކިން އޮންނަ ޣައްޒާއިން ފަޠަޙަ ޖަމާޢަތް ބޭރުކޮށް އެ ސަރަޙައްދުގެ ވެރިކަމާ ޙަވާލުވެފައެވެ.