ޚަބަރު

އުރީދޫއިން ސަބްމެރިން ކޭބަލް އަޅަން ދިރާސާކުރަނީ


އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އުތުރުން ދެކުނަށް އެޅުމަށް ހަމަޖެހިފައިވާ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް އެޅުމަށްޓަކައި ހަދަންޖެހޭ ސަރވޭގެ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާކަމަށް އޫރީދުން ހާމަކޮށްފިއެވެ.ހުއާވޭ މެރިން އާއިއެކު ކުރިއަށް ގެންދާ މި މަޝްރޫޢުއަށް ގަތްގަޑަކަށް 25 މިލިއަން ޑޮލަރު ހޭދަވާނެއެވެ. ހުއާވޭ މެރިން ހަންޑްރެޑް ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް 1,200 ކިލޯމީޓަރުގެ ސަރަޙައްދަކަށް ފެތުރިގެންދާ ގޮތަށް އެޅިގެންދާ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް އެޅުމަށް މިހާރު ހަދަމުންދާ ސަރވޭގެ މަސައްކަތް މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހަށް ނިންމާލެވި، ސަބްމެރިން އެޅުމުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް އުރީދޫން މައުލޫމާތުދެއެވެ.މިހާރު ކުރިއަށްދާ ސާރވޭގައި މައިގަނޑުގޮތެއްގައި ބަލަނީ ސަބްރިން ކޭބަލް އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގައި ކޭބަލް އެޅުމަށްޓަކައި ބަލަންޖެހޭ މުހިއްމު ބެލުންތައް ބަލައި ދިރާސާކުރުމުގެ މަސައްކަތްކަމަށް އުުރީދޫން ބުނެއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަނީ ހުއާވޭއާއި އުރީދޫގެ ޚާއްސަ ޓީމަކުންކަމަށް އެފަރާތުން މައުލޫމާތުދެއެވެ. ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލްގެ ސަބަބުން ދިވެހިރާއްޖޭގެ އިންޓަރނެޓްގެ ޚިދުމަތުގެ ފެންވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އުރީދޫން މައުލޫމާތުދެއެވެ. މި ސަބްމެރިން ކޭބަލް އަޅައި ނިންމަން ހަމަޖެހިފައިވަނީ މިއަހަރުގެ ނިޔަލަށެވެ.