ރާއްޖޭގެވޮލީ ޓީމުން ބަންގްލަދޭޝް ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި އުންމީދުކުރި ވަރަށް ވުރެ މޮޅު ކުޅުމެއް ދެއްކި ކަމަށް ގައުމީ ފިރިހެން ވޮލީ ޓީމުގެ ކެޕްޓަން އިސްމާޢީލް ސާޖިދު ބުނެފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރެކޯޓުގައި ރޭ ބަންގްލަދޭޝާ ދެކޮޅަށް ރާއްޖޭން ނުކުތީ ގިނަ ޕްރެކްޓިސްތަކަކަށްފަހުއެވެ. ނަމަވެސް މުޅި ޓީމު އެއްކޮށް ޕްރެކްޓިސްތައް ބޭއްވުނީ ވަރަށް މަދުންނެވެ.
ކުޑަކާއްޓެ އާއި އާދަމް ނަސީމް (އެޑަމް) ޓީމާ ގުޅުނީ ދެ ދުވަހެއް ކުރިންނެވެ. އެހެންނަމަވެސް ޖުމްލަކޮށް ބަލާއިރު، ޓީމުގެ ރޫހު ފެނުނީ ރަނގަޅަށްކަމަށް އިސްމާއީލް ސާޖިދު ބުންޏެވެ. މީގެ އިތުރުން ގައުމީ ވޮލީ ޓީމުން ރޭގެ މެޗު ކުޅުނީ އާއިލީ ކަމެއްގައި މި ވަގުތު ޓީމާ ދުރުގައި ތިބި ސެޓަރު ހުސެއިން ވިޝާމާއި ސްޕައިކަރު، ހަސަން ނިލާމް ނެތިއެވެ.
ރޭގެ މެޗުގެ ފުރަތަމަ ސެޓު 25-22 އިން ބަންގްލަދޭޝް އިން ހޯދާފައިވަނިކޮށް ޖެހިގެން އައި ތިން ސެޓު 19-25، 20-25 އަދި 22-25 އިން ހޯދައިގެން ރާއްޖޭން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މިއީ 2016 ގައި އިންޑިއާގެ ގުވަހާޓީގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ ފަހުން ރާއްޖެ އިން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދި ފުރަތަމަ މެޗެވެ.
ރޭގެ މެޗަށް ފަހު ވާހަކަދައްކަމުން ޤައުމީ ވޮލީ ޓީމުގެ ކެޕްޓަން ބުނީ އާންމު ގޮތެއްގައި ފުރަތަމަ ހައެއްގައި ކުޅޭ ކުޅުންތެރިންތަކެއް ނުލައި ވެސް ރާއްޖެއިން މި ދެއްކި ކުޅުން ފާހަގަކުރަން ޖެހޭ ކަމަށެވެ. ޓީމުގެ ހުރިހާ ކުޅުންތެރިން އެއްކޮށް އެންމެ ދެ ދުވަހު ޕްރެކްޓިސް ކުރުމަށް ފަހު ބަންގްލަދޭޝް ކަހަލަ ޓީމެއް އަތުން މޮޅުވުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ކުޑަކާއްޓެ ވަނީ ބުނެފައެވެ.
ރޭގެ މެޗަކީ ބަންގްލަދޭޝްއާ ދެކޮޅަށް މާލޭގައި ރާއްޖެއިން ކުޅެން އޮތް އެކުވެރިކަމުގެ މެޗުތަކުގެ ސިލްސިލާތަކުގެ ފުރަތަމަ ދެ މެޗެވެ. ދެން އޮތް ދެ މެޗު އޮތީ މާދަމާރެޔާއި ހުކުރު ދުވަހުގެ ރެއެވެ.
ކުޑަކާއްޓޭ ބުނީ ފުރަތަމަ މެޗުގެ ނަތީޖާ ނުކުތް ގޮތުން ކުރިއަށް އޮތް ދެ މެޗަށް ބަންގްލަދޭޝް ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ޓީމުން ވެސް އެ ކަމަށް ވިސްނައި، ސަމާލުކަން ދޭނެ ކަމަށް ކުޑަކާއްޓޭ ވަނީ ބުނެފައެވެ. އަދި ޓާގެޓަކީ ދެން އޮތް ދެ މެޗު ވެސް ރަނގަޅު ނަތީޖާއަކުން ނިންމައި، ކާމިޔާބު ހޯދުން ކަމަށް އޭނާ ބުންޏެވެ.
ރޭގެ މެޗުގައި ގެއްލުނު ޕޮއިންޓްތަކަށް ބަލާއިރު، ރާއްޖޭގެ ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އިސްކޮޅުން ކުރުވުމުން އެ ތަނަށް ޓާގެޓްކޮށްގެން ބަންގްލަދޭޝް އިން އެޓޭކްތަކެއް ކުރިއެވެ. އެ ކަމަށް ސަމާލުވެގެން ރާއްޖޭން ރަނގަޅަށް ޑިފެންސްކުރި ކަމަށް ކުޑަކާއްޓެ ވަނީ ބުނެފައެވެ.
"ދެން އިން ދެ މެޗު މާ ބޮޑަށްވެސް އުނދަގޫވާނެހެން ހީވަނީ. އެއީ ބަންގްލަދޭޝް އިން ވަރަށް ބޮޑަށް މެޗަށް ތައްޔާރުވާނެ. އެކަމަކު ވެސް އަޅުގަނޑުމެންގެ އަމާޒަކީ ހަމަ ދެ މެޗު ވެސް ކާމިޔާބުކުރުން،" ކުޑަކާއްޓެ ބުންޏެވެ.