ފްރެންޗް ލީގުގައި ޕީއެސްޖީން އެންމެ ފަހުގެ ޗެމްޕިއަން ލިލް އަތުން ބޮޑު މޮޅެއް ހޯދައިފިއެވެ. ޕީއެސްޖީ ލިލްގެ މައްޗަށް ކުރިހޯދީ 5-1 ލަނޑުންނެވެ.
ރޭގެ މެޗުގައި ޕީއެސްޖީން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެސްޖީން ރޭގެ މެޗުގެ 10 ވަނަ މިނިޓްގައި ލީޑުނެގީ ލިލްގެ ކީޕަރު އީވޯ ގާބިކް ހެދި ގޯހެއްގެ ފައިދާނަގައި ޑަނީލޯ ޕެރޭރާ ޖެހި ގޯލަކުންނެވެ. މެޗުގެ 28 ވަނަ މިނިޓްގައި ލިލްގެ ހަތެމް ބެން އާފާ ނަގައިދިން ހުރަހަކުން ސްވެން ބޮޓްމަން ޖެހި ބޯޅަ ގޯލަށް ވައްދާލައި، ލިލް އިން ނަތީޖާ ހަމަހަމަކުރިއެވެ.
ލިލް އިން އެއްވަރުކުރިތާ ހަތަރު މިނިޓް ފަހުން މެސީ ނެގި ކޯނަރެއްގައި އޭރިއާތެރެއިން ބޯޅަ ހޯދައި ޕްރެސްނެލް ކިމްޕެމްބޭ ވަނީ ޕީއެސްޖީ އަށް އަލުން ލީޑުނަގައިދީފައެވެ. އޭގެ ހަ މިނިޓް ފަހުން މެސީ ވަނީ އޭރިއާތެރެއިން ލިބުނު ބޯޅައެއް ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައި ޕީއެސްޖީގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މިއީ މެސީ ލީގުގައި ކުޅުނު 13 މެޗުގައި ޖެހި ދެ ވަނަ ގޯލެވެ.
ދެ ވަނަ ހާފުގައި ޕީއެސްޖީން ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ އޭރިއާ ބޭރުންނެވެ. މެޗުގެ 51 ވަނަ މިނިޓްގައި ޑަނީލޯ ޕެރޭރާ ޖެހި ބޯޅަ ގޯލުގެ ތިރީ ކަނަށެވެ. އަދި މެޗުގެ 67 ވަނަ މިނިޓްގައި އެމްބާޕޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެސީ އާއި އެމްބާޕޭގެ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި ފްރެންޗް ކަޕުން ކެޓުމުގެ މާޔޫސްކަމުން އަރައިގަންނަން މި ނަތީޖާގެ ބޭނުންހިފޭނެ ކަމަށެވެ.
މި މޮޅާއެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ 13 ޕޮއިންޓާއެކުގައެވެ. ޕީއެސްޖީ އަށް 23 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މާސޭ ލިބިފައިވަނީ 23 މެޗުން 43 ޕޮއިންޓެވެ. ލިލް 11 ވަނައިގައި އޮތީ 23 މެޗުން 32 ޕޮއިންޓާ އެކުގައެވެ.