ޚަބަރު

އިންޑިއާގެ ވިޔަފާރިވެރިންނަށް މިހާރު ވިސާއާ ނުލައި ރާއްޖެއަށް އާދެވޭނެ


ވިޔަފާރީގެ ބޭނުންތަކުގައި ރާއްޖެއަށް އަންނަ އިންޑިއާގެ ރައްޔިތުންނަށް 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި ރާއްޖޭގައި ތިބެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިއީ 2018ވަނަ އަހަރުގެ ޑިސެމްބަރުމަހު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެއްބަސްވުމުގެ ދަށުން ގެނައި ބަދަލެއް ކަމަށެވެ. މި އުސޫލަށް އަމަލު ކުރަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

އިންޑިއާގެ ވިޔަފާރިވެރިންނަށް 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި ރާއްޖެ އާދެވުނު ނަމަވެސް އެ މީހުންނަށް ވިސާގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅޭނެއެވެ. އެގޮތުން 180 ދުވަހާ ހަމައަށް ބިޒްނަސް ވިސާ އިތުރުކުރެވޭނެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތަކުން، ތިން މަސް ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން ބިޒްނަސް ވިސާ އިތުރުކުރަން ހުށަހެޅޭނެ ކަމަށެވެ.

ރާއްޖެއާ އިންޑިއާއާ ދެމެދު ވެފައިވާ ވިސާ އެއްބަސްވުމަކީ "ރެސިޕްރޯކަލް" އެއްބަސްވުމެކެވެ. އެހެންކަމުން އިންޑިއާއަށް ދަތުރުކުރާ ހުރިހާ ދިވެހިންނަށްވެސް މިހާރު މިއުސޫލުން އިންޑިއާއިން ވިސާ ލިބޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.