ކުޅިވަރު

އެފްރިކަން ކަޕްގެ ތިންވަނަ ކެމަރޫން ހޯދައިފި


ކެމަރޫންއިން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ މިފަހަރުގެ މުބާރާތުގެ ތިންވަނަ ހޯދައިފިއެވެ. ކެމަރޫން މުބާރާތުގެ ތިންވަނަ ހޯދީ ރޭ ކުޅުނު މެޗުގެ ފަހު 20 މިނިޓް ތެރޭ ތިން ގޯލު ކާމިޔާބުކޮށް ބުރްކީނާ ފާސޯއާ އެއްވަރުކުރުމަށް ފަހު ޕެނަލްޓީ ޖަހައިގެން 5-3 އިންނެވެ.

އެފްރިކާގެ ޝަރަފްވެރި ތަށި ފަސް ފަހަރު އުފުލާލާފައިވާ ކެމަރޫނުން ރޭގެ މެޗު ފެށިގެން ކުޅެމުންދިޔައީ ވަރަށް ދަށް ކުޅުމުކެވެ. އޭގެ ފައިދާ ނަގައި ބުރްކީނާ ފާސޯ އިން މެޗުގެ ފުރަތަމަ 50 މިނިޓް ތެރޭ ތިން ގޯލުގެ ލީޑެއް ނެގިއެވެ. އެގޮތުން މެޗުގެ 24 ވަނަ މިނިޓްގައި އީސާ ކަބޯރޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސްޓީވް ޔާގޯ ވަނީ ބުރްކީނާ ފާސޯ އަށް ލީޑުނަގައިދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެމަރޫންގެ ގޯލްކީޕަރު އަންދްރޭ އޮނާނާ އަތުން ބައިކޮޅަށް ވަން ގޯލުން ބުރްކީނާ ފާސޯ އިން އިތުރަށް ލީޑުފުޅާކުރިއެވެ.

ދެ ވަނަ ހާފް ފަށައިގެން ހަތަރު މިނިޓް ތެރޭ ބުރްކީނާ ފާސޯ ތިން ވަނަ ގޯލު ޖެހި. ބާޓްރަންޑް ޓްރައޯރޭ ނެގި ބޯޅައަކުން މި ގޯލު ޖެހީ ޖިބްރީލް އުޓާރާއެވެ.

ކެމަރޫންއިން މެޗުގެ ތެރެއަށް އެނބުރި އައިސް ރަނގަޅަށް ކުޅެން ފެށީ މެޗުގެ ފަހު 25 މިނިޓް ތެރޭގައެވެ. އެގޮތުން އެ ޓީމުން ފުރަތަމަ ގޯލު ޖެހީ މެޗުގެ 71 ވަނަ މިނިޓްގައެވެ. މި ގޯލު ޖެހީ ސްޓެފަން ބަހޯކެންއެވެ. އޭގެ ފަހުން މެޗުގެ 85 އާއި 87 ވަނަ މިނިޓްގައި ކެމަރޫންގެ ކެޕްޓަން، ވިންސެންޓް އަބޫބަކާރު ވަނީ ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަބޫބަކާރު މި ފަހަރުގެ ކަޕް އޮފް ނޭޝަންސް ނިންމާލީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުގައެވެ. ހަތް މެޗުން އޭނާ ވަނީ އަށް ގޯލު ޖަހައިފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 3-3 އިން އެއްވަރުވެފައެވެ. ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް އެ ނަތީޖާއެއް ނުނެރެވި ޕެނަލްޓީ ޖަހަން ޖެހުނެވެ. ސެމީ ފައިނަލުގައި މިސްރު އަތުން ޕެނަލްޓީ ޖަހައިގެން ކެމަރޫން ބަލިވި ނަމަވެސް ރޭ ވަނީ އެކަން ތަކުރާރުވިޔަ ނުދީފައެވެ. ކެމަރޫނުން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ.

ކެމަރޫންގެ ޕެނަލްޓީތައް ކާމިޔާބުކުރީ އަބޫބަކާރު، ނިކޮލަސް އެންގަމަލޭއު، ކާލް ޓޯކޯ-އެކަމްބީ، ޕިއޭރޭ ކޫންޑޭ އަދި އަމްބްރޮއިސް އޮޔޯންގޯ ބިޓޯލޯއެވެ. ބުރްކީނާ ފާސޯ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކުރިއެވެ. ކަބޭރޯ އާއި ޔާގޯ އަދި އުޓާރާ ޕެނަލްޓީތައް ވައްދާލިއިރު، އެ ޓީމުގެ އިބްރާހިމް ބްލާޓީ ޓޫރޭ ޖެހި ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި މިރޭ ސެނެގާލުން ނުކުންނާނީ މުބާރާތުގެ ތަށި ހަތް ފަހަރު ހޯދާފައިވާ މިސްރާ ދެކޮޅަށެވެ.