އިނގިރޭސި އެފް އޭ ކަޕްގެ ފަސްވަނަ ބުރުން އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފަސްވަނަ ބުރުން ސިޓީ ޖާގަހޯދީ ހަތަރުވަނަ ބުރުގައި ޗެމްޕިއަންޝިޕްގެ އެންމެ ކުރީގައި އުޅޭ ފުލަމް އާއި ބައްދަލުކުރިމެޗް 4 ލަނޑު އެއްލަނޑުން ކާމިޔާބުކޮށްގެންނެވެ.
މިމެޗް ރަނގަޅަށް ފެށީ ފުލަމްއިންނެވެ. މިގޮތުން މެޗްގެ ހަތަރުވަނަ މިނެޓްގައި އުފެއްދި ހަމަލާ އެޓީމުން ނިންމާލީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ލީޑު ނަގައިގެންނެވެ. ސިޓީއަށް ހައިރާންކަން ގެނުވާ އަދި މުޅި ދަނޑަށް މަޑުމައިރިކަން ގެނުވި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނިމިދިޔަ ޓްރާންސްފަރ ބާޒާރުގައި ސިޓީގެ ވާދަވެރި ލިވަޕޫލުން އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ގެންދެވޭތޯ މަސައްކަތް ކުރި ފަބިއޯ ކަވާލިއޯއެވެ. ނަމަވެސް ފުލަމްއަށް މިލީޑު ދެމެހެއްޓޭ ގޮތްވީ އެންމެ މިނެޓަކަށެވެ. މެޗްގެ 6 ވަނަ މިނެޓްގައި ސިޓީގެ އިލްކައި ގުންޑޮގާން ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އޭގެ 7 މިނެޓްފަހުން ސިޓީއިން ވަނީ މިމެޗްގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ލިބުނު ކޯނަރަކުން ޖޯން ސްޓޯންސްއެވެ. މިމެޗްގައި ސިޓީގެ ތިންވަނަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޖަހައިދިނީ ރިޔާދު މަހްރެއިޒެވެ. އަދި ފަހު ލަނޑު އޭގެ ހަތަރު މިނެޓްފަހުން ޖަހައިދިނީވެސް މަހްރެއިޒެވެ. މިއީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ އަލްޖީރިއާއަށް ކުޅުމަށްފަހު އެނބުރި އައިސް އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
މިކާމިޔާބީއާއެކު ސިޓީ މިވަނީ މިމުބާރާތުގެ ފަސްވަނަ ބުރަށް ދަތުރުކޮށްފައެވެ. ފަސްވަނަ ބުރުގައި ސިޓީ ބައްދަލުކުރާނެ ޓީމެއް އެނގޭނީ މާދަމާ ރޭ ބާއްވާ ގުރުއަތުލުމަށްފަހުއެވެ.