އެވަޓަންގެ އާ ކޯޗު ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗާއެކު އިނގިރޭސި އެފް އޭ ކަޕްގެ ފަސްވަނަ ބުރުން އެވަޓަން ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފަސްވަނަ ބުރުން އެވަޓަން ޖާގަހޯދީ ހަތަރުވަނަ ބުރުގައި ބްރެންޓްފަޑާއި ބައްދަލުކުރިމެޗް ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 4 ލަނޑު އެއްލަނޑުން ކާމިޔާބުކޮށްގެންނެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ޖަހައިދީ ޑިފެންޑަރ ޔެރީ މީނާއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށިތާ ތިންވަނަ މިނެޓްގައި ޖަހައިދިނީ ރިޗާލިސަންއެވެ. މިމެޗްގައި ބްރެންޓްފަޑއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އިވާން ޓޯނީއެވެ. ނަމަވެސް މެޗްގެ 62 ވަނަ މިނެޓްގައި އެވަޓަންގެ ދެގޯލްގެ ލީޑު ވަނީ މޭސަން ހޮލްގޭޓް ޖަހައިދިން ލަނޑާއެކު އަލުން ލިބިގެން ގޮސްފައެވެ. އަދި އެޓީމުގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ އެންޑްރޯސް ޓައުންސެންޑްއެވެ.
މިކާމިޔާބީއާއެކު އެވަޓަން މިވަނީ އެފް އޭ ކަޕްގެ ފަސްވަނަ ބުރަށް ދަތުރު ކޮށްފައެވެ. އަދި އެޓީމްގެ ކުރީގެ ކޯޗް ރަފައެލް ބެނިޓޭޒްގެ ކޯޗުކަމުގެ ދަށުގައި ޓީމުން ހޯދަމުންދިޔަ ދަށް ނަތީޖާތަކުގެ ސަބަބުން ސަޕޯޓަރުންގެ ހިތުގައި ކްލަބްގެ އިސްވެރިންނާމެދު އުފެދިފައިވާ ހިތްހަމަ ނުޖެހުންތަކަށް ވެސް ވަނީ މިކާމިޔާބީ އާއި ލަމްޕާޑް އައުމާ ގުޅިގެން ފިލައިގެން ދާން ފަށާފައެވެ. އަދި މިކާމިޔާބީއާއެކު އަނެއްކާވެސް އެވަޓަންގެ ސަޕޯޓަރުންގެ މޫނުމަތިން އުފާވެރިކަން ފެންނަމުންދިޔައެވެ. އެވަޓަންއަށް ކުރިއަށް ބޮޑެތި މެޗްތަކެއް ހުރި ނަމަވެސް ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި މިއީ ރަނގަޅު ފެށުމެކެވެ.