މީގެ ފަސް ދުވަސްކުރިން މަޣުރިބުގެ ވަޅަކަށް ވެއްޓުނު ކުޑަކުއްޖާ ވަޅުން ނަގައި ހަސްފަތާލަށް ގެންދިޔައިރު އޮތީ މަރުވެފައިވާކަމަށް އެ ޤައުމުގެ ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ އިދާރާތަކުން ބުނެފިއެވެ.
ޢުމުރުން ފަސް އަހަރުގެ ރަޔާން އައުރަމު ވެއްޓިފައިވަނީ މަޢުރިބުގެ އުތުރުގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަޝްހޫރު އަވަށެއްގެ އުސްބިންތަކެއްގައި ހުރި 100 ފޫޓުގެ ފުން އަދި ފުޅާމިނުގައި 45 އިންޗި ހުންނަ ވަޅަކަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ބޭނުންކުރާ ވަޅެއް ނޫނެވެ. އަދި އެ ވަޅުގައި ރަނގަޅަށް މައްޗަށް ޖަހައިފައެއް ނެތެވެ. އަދި ވަޅުގެ ތެރެއަށް ވެއްޓުމާއެކު ކުޑަކުޑަ ރަޔާންވަނީ ހުރިގޮތަށް ވަޅުގެ އެންމެ އަޑިއަށް ވެއްޓިފައެވެ. އެއާއެކު ހަނި ދޭތެރެއަކުން އަދި 100 ފޫޓު އަޑިން އެ ކުއްޖާ ނަގަން ކުރަން ޖެހުނު މަސައްކަތް އިތުރަށް ނާޒުކުވިއެވެ.
ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކުންވަނީ އެ ވަޅު އިތުރަށް ބޮޑުކޮށް އަދި ކޮނެގެން ރަޔާން ސަލާމަތްކުރުމުގެ މަސައްކަތްކޮށްފައެވެ. ނަމަވެސް ބޮޑެތި ހިލަތައް ފޭބުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިޘާތަކެއް ހިނގައިފާނެތީ އެ މަސައްކަތަށްވަނީ ބޮޑު ހުރަސްތަކެއް އެޅިފައެވެ. އެ ކުއްޖާ ނެގުމަށް މަސައްކަތްކުރުމުގެ އިތުރުން ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކުންވަނީ އޭނާއަށް ބޭނުންވާނެ ކާއެއްޗިއްސާއި ބޯފެނާއި އޮކްސިޖަން ވަޅަށް ތިރިކޮށްފައެވެ.
ފަސްދުވަހުގެ ބުރަ މަސައްކަތަކަށްފަހު ރަޔާނާ ކައިރިއަށް ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އާދެވުމުން ދިރިހުއްޓައި އޭނާ ސަލާމަތްކުރުމުގެ އުއްމީދު އައުވިއެވެ. އަދި ވަޅުން އޭނާ ނެގުމުގެ ކުރިން ޞިއްޙީ ޚިދުމަތްތެރިންވަނީ ވަޅަށް ފައިބައި އޭނާގެ ޙާލަތު ދެނެގަތުމަށް މަސައްކަތްކޮށްފައެވެ. އޭގެ ފަހުން ދެން ފެނުނީ އެންބިޔުލާންސެއްގައި އޭނާ ހަސްފަތާލަށް ގެންދިޔަ މަންޒަރެވެ. ހަސްފަތާލަށް ގެންދިޔަތާ ކުޑަ ވަޤުތުކޮޅެއްފަހުން އޭނާ މަރުވެފައިވާކަންވަނީ އިޢުލާންކޮށްފައެވެ.
މަޣުރިބުގެ ކުޑަކުޑަ އަވަށެއްގައި އެ ހިތާމަވެރި ޙާދިޘާ ހިނގި ނަމަވެސް މުޅި ދުނިޔޭގެ ސަމާލުކަމަށް އެ ކަންވަނީ އައިސްފައެވެ. އަދި މީސްމީޑިޔާގައި އޭނާ ސަލާމަތްވާނެކަމުގެ އުއްމީދުގައި ތިބި އެތައް މިލިޔަން ބަޔަކުވަނީ ޝުޢޫރުފާޅުކޮށް ހެޔޮ ދުޢާކޮށްފައެވެ.