މަޢުރިބުގެ ވަޅަކަށް ވެއްޓުނު ކުޑަކުއްޖާ ސަލާމަތްކުރުމާ ގާތަށް ގޮސްފައިވާކަމަށް އެ ޤައުމުގެ ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ އިދާރާތަކުން ބުނެފިއެވެ.
ޢުމުރުން ފަސް އަހަރުގެ ރަޔާން އައުރަމު ވެއްޓިފައިވަނީ މަޢުރިބުގެ އުތުރުގެ ސަރަޙައްދުތަކުގެ އުސްބިންތަކެއްގައި ހުރި 100 ފޫޓުގެ ފުން ވަޅަކަށެވެ. ފާއިތުވި ފަސް ދުވަހު ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކުންވަނީ އެ ވަޅު އިތުރަށް ބޮޑުކޮށް އަދި ކޮނެގެން ރަޔާން ސަލާމަތްކުރުމުގެ މަސައްކަތްކޮށްފައެވެ. ނަމަވެސް ބޮޑެތި ހިލަތައް ފޭބުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިޘާތަކުގެ ސަބަބުން އެ މަސައްކަތަށްވަނީ ބޮޑު ހުރަހެއް އެޅިފައެވެ. ފަސްދުވަހަށްފަހު އެ ކުއްޖާއާ ދެ މީޓަރު ކައިރިއަށް އާދެވިފައިވާކަމަށާއި ވަޅަށް ވެއްޓިފައިވާ ކެމެރާއަކުން އެ ކުއްޖާ އަރިއަކަށް އޮށޯވެގެން އޮންނަތަން ފެންނަކަމަށް އެ އިދާރާތަކުން ބުނެފައިވެއެވެ. ނަމަވެސް އެ ކުއްޖާގެ ޙާލު ދެނެގަންނަން އުނދަގޫކަމަށާއި އުއްމީދަކީ ދިރިހުއްޓާ ވަޅުން އެ ކުއްޖާ ނެގުންކަމަށްވެސް އެ އިދާރާތަކުންވަނީ ބުނެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރަޔާން ވެއްޓިފައިވަނީ މަޢުރިބުގެ އުތުރުގައި އޮންނަ ކުޑަ އަވަށެއްގައި ހުންނަ ބޭނުންނުކުރާ ފެންވަޅަކަށެވެ. އެ ކުއްޖާ ނެގުމަށް މަސައްކަތްކުރުމުގެ އިތުރުން ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކުންވަނީ އޭނާއަށް ބޭނުންވާނެ ކާއެއްޗިއްސާއި ބޯފެނާއި އޮކްސިޖަން ވަޅަށް ތިރިކޮށްފައެވެ. ނަމަވެސް އެ ތަކެތި އެ ކުއްޖާ ބޭނުންކުރި ކަމެއް އަދި ސާފެއް ނޫނެވެ.