ޚަބަރު

18 ރަށެއްގައި ރިސޯޓު ހަދަން ބީލަން ހުޅުވާލި މުއްދަތު އިތުރުކޮށްފި


ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ރަށްތައް ދޫކުރުމުގެ ތިންވަނަ މަރުހަލާގައި ރިސޯޓު ތަރައްޤީކުރަން މިދިޔަ އަހަރުގެ ތެރޭގައި ބީލަމަށް ހުޅުވާލި 18 ރަށަކަށް ބިޑް ހުށަހެޅުމުގެ މުއްދަތު ޓޫރިޒަމް މިނިސްޓްރީއިން އިތުރުކޮށްފިއެވެ.

10 އަތޮޅަކުން ކަނޑައަޅާފައިވާ 18 ރަށަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާފައިވަނީ ދުބާއީ އެކްސްޕޯގެ ތެރެއިން ރާއްޖެއިން ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައެވެ. އޭގެތެރޭގައި ގިނައީ ކުރިން ބީލަމަށް ހުޅުވާލައިގެން ނުވިކުނު ރަށްތަކެވެ.

މި ރަށްތަކަށް ބީލަން ހުށަހެޅުމުގެ މުއްދަތު މިމަހަށް ހަމަވާނެކަމަށް ކުރިން ވިދާޅުވިނަމަވެސް، ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19ގެ އާ ވޭރިއަންޓް އޮމިކްރޯންއާ ގުޅިގެން ދުނިޔޭގެ އެކިކަންކޮޅު ތަކުގައި އަޅާފައިވާ ދަތުރުކުރުމުގެ ފިޔަވަޅުތައް ހަރުދަނާކުރުމާ ގުޅިގެން އިންވެސްޓަރުންނަށް ހުޅުވާލާފައިވާ މިފުރުސަތުގެ މުއްދަތު އަންނަ މާޗު މަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

އިއުލާނުކޮށްފައިވާ ރަށްތަކުގެ ތެރެއިން ލ، ގއ، އަދި ގދ، އަތޮޅުގެ ރަށްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ މާޗު މަހުގެ 23ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެނިހެން އަތޮޅުތަކުގެ ރަށްރަށުގެ ބިޑު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މާޗު މަހުގެ 22ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގައި ގިނަ ޢަދަދެއްގެ ރިސޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އިންވެސްޓުކުރާ ގިނަ ފަރާތްތަކަށް އެކި ގޮންޖެހުންތައް ދިމާވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިއިންވެސްޓްމަންޓުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންގޮސް ނިންމުމަށް ސަރުކާރުން ފޯރުކޮށްދެވެން ހުރި އެހީތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ސަރުކާރުން ޤަބޫލުކުރައްވައެވެ.