ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްފަހު ދެން ބޮޑު ކުރައްވާނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިންނަށް ކޮމަންޑުއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް އެކަމާއި ގުޅިގެން ނިންމަންޖެހޭ ކަންކަން މިއަހަރުގެ ތެރޭގައި ނިންމެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ.
މުދައްރިސުންނާއި ޕްރިންސްޕަލުން އަދި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާފަދަ ދިރާސާއެއްކޮށް އެކި ފަންތީގެ މީހުންގެ މުސާރަ ބޮޑުވެގެންދާގޮތް އެ ދިރާސާގައި ފެންނަން ހުންނާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެއަށްފަހު ދެން ފެނިގެންދާނީ ޑޮކްޓަރުންނާއި، ނަރުހުންނާއި، އެ ނޫންވެސް އެދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާ މަންޒަރުކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ޢާއްމު ޙާލަތު ރަނގަޅު ކުރެވޭނެ ބަދަލުތަކެއް ގެނައުންކަމަށާއި، އެ ބަދަލު ފެށެނީ ޢާންމު މީހާގެ ދިރިއުޅުމުންކަމަށެވެ.
ސިއްޙީ ދާއިރާގެ މުސާރާއާއި ގުޅޭގޮތުން ޕީއެސްއެމްގެ ރިޔާސީ ބަޔާން ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާގެ މުސާރަ ބޮޑުކުރުމަކީ ސަރުކާރުން ފެށުނީއްސުރެ ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަވުމުގެ ޝަކުވާއަކީ ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވާ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ މުސާރައަށް ބަދަލު ގެނައުމަށް ދިރާސާތަކެއް ހަދަމުންދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިދިރާސާގެ 95 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދާ ތާވަލާއި އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ސިއްޙީ ދާއިރާގެ މުސާރަތަކަށް އަންނަ ހެޔޮ ބަދަލުތައްވެސް ޢިއުލާންކޮށްދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ރައީސް ވަރަށް އަވަހަށް ޝެޑިއުލްއާއެއްގޮތަށް ސިއްޙީ ދާއިރާގެ ހުރިހާ ފަރާތެއްގެ މުސާރަވެސް ޢިއުލާންކޮށްދެއްވާނެ. ސިއްޙީ ދާއިރާގެ މީހުން އެކަހެރިއެއްނުވޭ. އެމަސައްކަތް ކުރިއަށް އެބަދޭ." މިނިސްޓަރ ވިދާޅުވިއެވެ.
ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުވައްޒަފުން މަދުވުމާއެކު މަސައްކަތްކުރަންޖެހޭ ގަޑި ގިނައިރު އެކަށީގެންވާ އުޖޫރައެއް ނުލިބޭކަމުގެ ޝަކުވާއެވެ. އަދި ސިއްޙީ ދާއިރާގެ ވަކިވަކި ޕްރޮފެޝަންތަކުގެ މުސާރައަށް ބަދަލުގެނައުމަށް އޮނިގަނޑަށް ބަދަލުގެނައުމަށް މީގެ ކުރިންވެސް އެތައް މަސައްކަތް ކުރެވިފައިވީނަމަވެސް އެކަން ކާމިޔާބު ނުވާކަމުގެ ކަންބޮޑުވުމެވެ. އެހެންނަމަވެސް މިކަމަށް މިފަހަރު ޙައްލެއް ލިބޭނެކަމުގެ އުއްމީދު ސަރުކާރުން އަންނަނީ ސިއްޙީ ދާއިރާއަށް ދެމުންނެވެ.
ރާއްޖޭގައި މަސައްކަތްކުރާ ޓީޗަރުންނާއި ނަރުހުންގެ މުސާރަކުޑަވުމުގެ ޝަކުވާވަނީ ބޮޑުވެފައެވެ. މިކަމަށް ޙައްލެއް ގެންނެވުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކޮމިޓީތައް އެކުލަވާލާ ޝަކުވާތައް ބެއްލެވުމަށްފަހު މިހާރުވަނީ ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމަވާފައެވެ.
ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ މެއި މަހުން ފެށިގެން ބޮޑުކުރުމަށް ނިންމެވުމާއެކު ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައިން %56ގެ ކުރިއެރުމެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން މިސާލެއް ދައްކަވަމުން މިބަދަލާއެކު 21،000ރުފިޔާ ލިބޭ ޕްރިންސްޕަލެއްގެ މުސާރަ 32،000އަށް ބޮޑުވާނެއެވެ. އަދި 14،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭ މީހުންގެ އިތުރުވުން އުޅޭނީ 28،000 ރުފިޔާގައި ކަމަށް ރައީސް ވިދާޅުވިއެވެ.