ކުޅިވަރު

ކޮޕާ ޑެލް ރޭގެ ސެމީފައިނަލުން ބިލްބާއޯ ޖާގަހޯދައިފި


ރެއާލް މެޑްރިޑް ބަލިކޮށް ސްޕެނިޝް ކޮޕާ ޑެލް ރޭގެ ސެމީފައިނަލުން އެތުލެޓިކް ބިލްބާއޯ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކުއަރޓަރ ފައިނަލްގައި ރޭ ކުޅުނު މެޗް ބިލްބާއޯ ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ރެއާލްއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ބިލްބާއޯއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު ދެވަނަ ހާފްވެސް ދިޔައީ އެނަތީޖާގައި އޮވެގެން ނިމޭށެވެ. ނަމަވެސް މެޗް ނިމެން މިނެޓަކަށް ވެފައިވަނިކޮށް މިމެޗުން ބިލްބާއޯ މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ އެލެކްސް ބެރެންގުއަރއެވެ. މިކާމިޔާބީއާއެކު ބިލްބާއޯ މިވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް މިމުބާރާތުގެ ފައިނަލަށް ދަތުރު ކުރުމަށް ކުރާ މަސައްކަތުގައި އިތުރު ފިޔަވަޅެއް ކުރިއަށް ޖެހިލާފައެވެ. އަދި ބިލްބާއޯ ވެފައިވަނީ ރެއާލް މެޑްރިޑާއި ބާސެލޯނާ ކޮޕާ ޑެލްރޭގެ އެއް ސީޒަނެއްގައި ބަލިކުރި ދެވަނަ ޓީމަށެވެ. މީގެކުރިން މިކަން ކުރެވިފައިވަނީ ރެއާލް ޒަރަގޯޒާއަށް އެކަންޏެވެ.

މިމެޗުން ބަލިވުމުން މިސީޒަންގައި ކަޕް ޑަބަލް އެއް ހެދުމަށް ރެއާލްއަށް އޮތް ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. ބިލްބާއޯގެ އިތުރުން މިމުބާރާތުގެ ސެމީ ފައިނަލުން ދެން ޖާގަހޯދާފައިވަނީ ރެއާލް ބެޓިސް، ވެލެންސިއާ އަދި ރަޔޯ ވަޔަކާނޯއެވެ.