ޚަބަރު

ޢަރަބިންނާއި ޔަހޫދީން ގުޅިގެން މެދުއިރުމަތީގައި އަސްކަރީ ފަރިތަކުރުންތަކެއް


ޢަރަބިންނާއި ޔަހޫދީންނާއި އެމެރިކާ ގުޅިގެން މެދުއިރުމަތީގައި އަސްކަރީ ފަރިތަކުރުންތަކެއް ފަށައިފިއެވެ.

އެމެރިކާ އިސްވެ ބާއްވައި ކަނޑުގެ ސިފައިންގެ ފަރިތަކުރުންތަކުގައި އިސްރާއީލުގެ އިތުރުން ސަޢުދީ ޢަރަބިއްޔާއާއި ޢުއްމާނުން ބައިވެރިވެއެވެ. ސަޢުދީ ޢަރަބިއްޔާއާއި ޢުއްމާނަކީ އިސްރާއީލާ ގުޅުން ޤާއިމުކޮށްފައިވާ ދެ ޤައުމެއް ނޫނެވެ. އަދި އެއީ ޔަހޫދީ ފައުޖުތަކާއެކު އެ ދެ ޤައުމުން އަސްކަރީ ފަރިތަކުރުންތަކެއް ބާއްވައި ފުރަތަމަ ފަހަރެވެ. އެ ފަރިތަކުރުންތަކުގައި ކުވައިތާއި ޤަތަރުން ބައިވެރިވެފައެއް ނުވެއެވެ. އެ ދެ ޤައުމުންވެސް އިސްރާއީލާ ގުޅުން ޤާއިމުކޮށްފައެއް ނުވެއެވެ.

މެދުއިރުމަތީގައި ބާއްވައި އެންމެ ބޮޑު އަސްކަރީ ފަރިތަކުރުންތައްކަމަށްވާ އިންޓަނޭޝަނަލް މެރިޓައިމު އެކްސަޒައިސް، އައިއެމުއެކްސްގައި 60 ޤައުމެއްގެ އަސްކަރިއްޔާއިން ބައިވެރިވެއެވެ. އެ ފަރިތަކުރުންތައް ބާއްވަމުންދަނީ މެދުއިރުމަތީގައި އީރާނުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ނުރައްކާތެރިކަން އިތުރުވެފައިވަނިކޮށެވެ. އެ ގޮތުން ފާއިތުވި ދުވަސްތަކުގައި ޔަމަނުގެ އިދިކޮޅު ޚޫޘީ ޖަމާޢަތުންވަނީ ސަޢޫދީ ޢަރަބިއްޔާއާއި ޔޫއޭއީއަށް މިސައިލް ޙަމަލާތަކެއް ދީފައެވެ. އަދި އެ ޖަމާޢަތުންވަނީ މެދުއިރުމަތީގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިންނާ ދެކޮޅަށް ޙަމަލާ ދިނުމަށްވެސް މަސައްކަތްކޮށްފައެވެ.

މި އަހަރު ބާއްވައި އައިއެމުއެކްސަކީ އެ ނަމުގައި އެމެރިކާ އިސްވެ މެދުއިރުމަތީގައި ބާއްވައި ހަތްވަނަ އަސްކަރީ ފަރިތަކުރުންތަކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ފަރިތަކުރުންތައް ގަލްފު ސަރަޙައްދާއި ޢަރަބި ކަނޑާއި ރަތް ކަނޑާއި އުތުރު އިންޑިޔާ ކަނޑުގައި ކުރިޔަށްދާނެއެވެ.