ޚަބަރު

ބަޣާވާތްކުރުމަށްފަހު ވެރިކަމަށް ޑަމީބާ، ޖަމުޢިއްޔާތަކުން ބުކީނާ ފާސޯ ސަސްޕެންޑުކުރަނީ


ބުކީނާ ފާސޯގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް އެ ޤައުމުގެ ސަރުކާރު އުވާލުމުން އެފްރިކާގެ ޤައުމުތަކުގެ މައި ޖަމުޢިއްޔާ، އެފްރިކަން ޔޫނިއަނުން އެ ޤައުމު ސަސްޕެންޑުކޮށްފިއެވެ.

ޖަނަވަރީ މަހުގެ 24ވަނަ ދުވަހު ބުކީނާ ފާސޯގެ އަސްކަރިއްޔާއިންވަނީ ބަޣާވާތްކޮށް އެ ޤައުމުގެ ރައީސް ޚޮކް ކަބޯޚީ ޙައްޔަރުކޮށް އެ ޤައުމުގެ ޤާނޫނުއަސާސީ އުވާލައިފައެވެ. ބުކީނާ ފާސޯގައި ކުރި ބަޣާވާތުގައި އިސްކޮށް ޙަރަކާތްތެރިވެފައިވަނީ އަސްކަރީ ސިފައިންގެ ބަޔަކު އަމިއްލަ އުފައްދާފައިވާ ޖަމާޢަތެއްކަމަށްވާ ޕެޓުރިއޮޓިކް މޫވުމަންޓު ފޮރ ސޭފްގާޑު އެންޑު ރިސްޓޮރޭޝަން، ޕީއެމުއެސްއާރުންނެވެ. އަދި ބަޣާވާތުގެ އެންމެ އިސްކޮށް ހުންނެވި ލެފްޓެނެންޓު ކާނަލް ޕޯލް ހެންރީ ޑަމީބާވަނީ ޤާނޫނުއަސާސީއަށް ޢަމަލުކުރައްވަން އަލުން ފައްޓަވައި އެ ޤައުމުގެ އެންމެ އިސްވެރިޔާގެ މަޤާމާ ޙަވާލުވެވަޑައިގެންފައެވެ.

އެފްރިކަން ޔޫނިއަންގެ އިތުރުން ހުޅަނގު އެފްރިކާގައި އޮންނަ 15 ޤައުމުގެ މައްޗަށް އެކުލެވޭ އިކޮނޮމިކް ކޮމިޔުނިޓީ އޮފް ވެސްޓު އެފްރިކަން ސުޓޭޓްސް، އީކޯވާސުންވެސްވަނީ އެ ޖަމުޢިއްޔާއިން ބުކީނާ ފާސޯ ސަސްޕެންޑުކޮށްފައެވެ. އަދި ބުކީނާ ފާސޯގެ ޙާލަތު ދެނެގަތުމަށް އީކޯވާސްގެ ވަފުދެއްވަނީ އެ ޤައުމަށް ދަތުރުކޮށް ޑަމީބާއާ ބައްދަލުކޮށް އެ ޤައުމުގެ ސަލާމަތާއި މަދަނީ ސަރުކާރެއް ޤާއިމުކުރުމާމެދު މަޝްވަރާކޮށްފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ހުޅަނގު އެފްރިކާގެ ދެ ޤައުމުކަމަށްވާ މާލީއާއި ގިނީގައި ބަޣާވާތްކުރުމުން އެފްރިކަން ޔޫނިއަނުންނާއި އީކޯވާސުންވަނީ އެ ޤައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފައެވެ. ބުކީނާ ފާސޯގައި ކުރި ބަޣާވާތަކީ ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ހުޅަނގު އެފްރިކާގެ ޤައުމެއްގައި ކުރި ހަތަރުވަނަ ބަޣާވާތެވެ. އޭގެ ތެރެއިން ދެ ބަޣާވާތްކޮށްފައިވަނީ މާލީގައެވެ.