ކުޅިވަރު

އައުބަމެޔާންގ ބާސެލޯނާއަށް


އިންގްލިޝް ޕްރިމިއަރ ލީގުގެ އާސެނަލްގެ ކުރީގެ ކެޕްޓަން ޕިއޭ އެމެރިކް އައުބަމެޔާންގ ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާއަށް ބަދަލުވެއްޖެއެވެ. އައުބަމެޔާންގ ބާރސާ އއި ގުޅިފައިމިވަނީ ފްރީ ޓްރާންސްފަރއެއްގެ ދަށުންނެވެ.

އާސެނަލް އާއި ބާރސާގެ މެދުގައި އެންމެ ފުރަތަމަ ވާހަކަ ދެކެވުނީ ލޯން އެއްބަސްވުމެއް ވުމާއި ގުޅޭގޮތުންނެވެ. ނަމަވެސް އެކަމަށް ދެ ކްލަބުގެ މެދުގައި އެއްބަސްވުމަކަށް ނާދެވެމުން އެންމެ ފަހު ވަގުތު މިގޮތަށް އެއްބަސްވީވެ. އައުބަމެޔާންގ ވަނީ އާސެނަލްއަށް 163 މެޗް ކުޅެދީ 92 ލަނޑު ޖަހައިދީފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދިމާވި އަޚުލާގީ މައްސަލަތަކަކާއި ކުރިމަތިވި ފަހުން އޭނާ އާސެނަލް ޓީމަށް ކުޅެފައެއް ނުވެއެވެ. އަދި އޭނާ އަތުން ކެޕްޓަން ބޭންޑް ވެސްވަނީ އަތުލާފައެވެ. އައުބަމެޔާންގ އާސެނަލްއިން ދިއުމުން އެކްލަބަށް މާލީ ގޮތުން 15 މިލިއަން ޑޮލަރު މުސާރައިގެ ތެރެއިން ކުޑަވެގެންދިޔަ ނަމަވެސް އެޓީމުގެ ފޯވަޑް ލައިނަށް ކުޅޭ ކުޅުންތެރިންގެ މަދުކަން ސީޒަންގެ ބާކީ އޮތް ބަޔަށް އިހްސާސް ކުރެވޭނެކަމަށް ބެލެވެއެވެ.

އައުބަމެޔާންގ ކޯވިޑް-19 އަށް ޕޮޒިޓިވްވުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކާއި ހެދި މިފަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި އޭނާއަށް ގެބޯންއަށް ކުޅެވޭގޮތެއްވެސް ނުވިއެވެ. ނަމަވެސް މިހާރު އޭނާގެ ހާލަތު ރަނގަޅު ކަމަށް މަޢުލޫމާތު ލިބެއެވެ.